ވިޔަފާރި

ސިމެންތިއަށްވުރެ ވަރުގަދަ، އަގު ހެޔޮ އުފެއްދުމެއް ރާއްޖެއަށް

ގެ ދޮރު އަޅަން ބޭނުން ކުރާ ސިމެންތި އާއި ކޮންކްރީޓަށް ވުރެ ވަރުގަދަ، އަގު ހެޔޮ، ޕްރޮޑަކްޓެއް ތުރުކީގެ ކުންފުންޏަކުން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ "ބިލްޑްއެކްސް ފެއާ" ގައި ދައްކަން ބަހައްޓާފައިވާ ތުރުކީގެ "ޓަސްބްލޮކް" ޓެކްނޮލޮޖީއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މި އުފެއްދުމުގެ ރާއްޖޭގެ އެޖެންޓް، އަބްދުﷲ ނާޝިދު ވިދާޅުވީ މިއީ ތުރުކީގެ ސައިންޓިސްޓަކު އީޖާދުކޮށް ތައާރަފުކޮށްފައިވާ ވަރުގަދަ ޓެކްނޮލޮޖީއެއް ކަމަށެވެ.

މި ޓެކްނޮލޮޖީ ކުރިން ބޭނުންކުރީ އެމެރިކާގެ ނާސާއިން ސެޓްލައިޓާއި ޖައްވީ އެއާ ކްރާފްޓުތަކުގެ ބައިތައް ހަދާށެވެ. ނަމަވެސް މި ޓެކްނޮލޮޖީ މިހާރު މި ވަނީ ބިލްޑިން ކޮންސްޓްރަކްޝަންގައި އަތް ފޯރާ ފަށަން ގެނެސްފަ އެވެ.

"މިއީ ފަސޭހަ އިން އަގު ހެޔޮ ކޮށް އިމާރާތް ކުރެވޭނެ ޓެކްނޮލޮޖީއެއް،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އުފެއްދުމުގެ އެހީގައި ގެ އަޅާއިރު ކޮންކްރީޓް ނޫނީ ސިމެންތިން ބުޑެއް ނޫނީ ފައުންޑޭޝަނެއް އެޅުމުން ފުދޭ ކަމަށާއި އިމާރާތުގެ ބާކީ ބައި ނިންމާނީ މި އުފެއްދުން ބޭނުން ކޮށްގެން ކަމަށެވެ.

"ސްޓްރަކްޗާ އާއި ވޯލްސް، އަދި ޕެނަލްސް އާއި އިންޓީރިއާ އަދި ޓައިލްސް އާއި މި ނޫން ވެސް ސާމާނު އެބަހުރި މި ޓެކްނޮލޮޖީގެ،" ނާޝިދު ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިރޭ 10:00 ގެ ނިޔަލަށް ކުރިއަށްދާ ބިލްޑްއެކްސް ފެއާގައި ތައާރަފު ކޮށްފައިވާ މި ޕްރޮޑަކްޓު ރިސޯޓުތަކުގެ މޫދު ކޮޓަރިތަކާއި ގެސްޓްހައުސް ހަދަން ވެސް ބޭނުން ކުރެވެ އެވެ.

"މި ޓެކްނޮލޮޖީ ބޭނުންކޮށް ވޯޓަ ބަންގަލޯ ތަނބުތައް ހޭންޑީ މެޝިނަކުން ޖަހައިގެން 90 އަހަރުގެ ގެރެންޓީ ހުންނާނެ. މި މުއްދަތުގައި އިތުރު މެއިންޓެނެންސް ބޭނުމެއް ނުވާނެ. މިއީ ވަރުގަދަ އުފެއްދުމެއް،" ނާޝިދު ވިދާޅުވި އެވެ.

މަސައްކަތް އަވަސް ކޮށްދޭ

ޓަސްބްލޮކްގެ މި އުފެއްދުމަކީ ރާއްޖޭގެ މާހައުލަށް ހާއްސަ އުފެއްދުމެކެވެ. ރާއްޖެ ފަދަ ލޮނުގެ އަސަރު ކުރުން ބޮޑު ގައުމުތަކުގައި މި ޕްރޮޑަކްޓް މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ.

"ރަށްރަށުގައި ގެ އަޅާ އިރު މި ޓެކްނޮލޮޖީ މުހިންމު. މިއީ ވާރޭގައި އަވީގައި ހަލާކު ވެގެންދާނެ އެއްޗެއް ނޫން. މީގެ ސަބަބުން ލޭބަ ކޮސްޓް ކުޑަ ވާނެ. ފަންގަސްއެއް ނުޖަހާނެ، ފިއެއް ނުވާނެ... ތިން ކޮޓަރީގެ ގެއެއް އަޅަން ބޭނުންނަމަ ކޮންމެހެން ގިނަ ބަޔަކު ބޭނުމެއް ނުވޭ މަސައްކަތް ކުރާކަށް،" ނާޝިދު ވިދާޅުވި އެވެ.

11 ބުރީގެ ބޮޑެތި ބިލްޑިންގް އަޅާ

މި ޓެކްނޮލޮޖީ ބޭނުންކޮށްގެން 11 ބުރި އާއި ހަ ބުރީގެ ގެތައް އަޅާލެވޭ ޕެނަލްތައް ތައާރަފުކޮށްފައިވެ އެވެ. މި ޕްރޮޑަކްޓަށް އޯޑަރު ދޭތާ ދެ މަސްތެރޭ ރާއްޖެ ގެނެސްދެ އެވެ.

ނާޝިދު ވިދާޅުވީ ހަ ބުރީގެ ގެތައް އަޅާލެވޭ ޓެކްނޮޮލޮޖީ ދުނިޔޭގެ ހުރިހާ ވެއްޓެއްގައި ޓެސްޓް ކޮށްފައިވާ ކަމަށެވެ. އަދި މިއީ އަގުގެ ގޮތުން ބަލާއިރު ކޮންކްރީޓަށް ވުރެ އަގު ހެޔޮ އުފެއްދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.