އަލަށް ޒަވާޖީ ހަޔާތް ފަށާ މީހުންނަށާއި ގެދޮރު ނެތް މީހުނަށް ރަށްރަށުން ގޯތި ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެމްޑީޕީއަށް ނިސްބަތްވާ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ގަރާރެއް ފޮނުވައިފި އެވެ.
ބާރަށު ދާއިރާގެ މެމްބަރު މަޖިލީހަށް ފޮނުވި ގަރާރުގައި ބުނެފައިވަނީ، ޒަވާޖީ ހަޔާތެއް ފަށާ މީހުނަށާއި ގެދޮރި ނެތް މީހުނަށް، ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ގޯތި ދޫނުކޮށް ހުރުމުގެ ސަބަބުން، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވެ ގިނަ އާއިލާތަކެއް ބިކަ ވެފައިވާ ކަމަށެވެ. އެހެން ކަމުން މިއީ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހޭ މައްސަލައެއް ކަމަށް މެންބަރު އަހްމަދު އަބްދުﷲ ގަރާރުގައި ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާ އެޖެންޑާ މިހާރު އާންމުކޮށްފައިވާއިރު، މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާ ގަރާރުގައި ވަނީ ގާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ބޯހިޔާވަހި ކަމަކީ ކޮންމެ ދިވެއްސަކަށް ލިބިގެންވާ އިޖްތިމާއި އަދި އަސާސީ ހައްގަކަށްވީ ހިނދު، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އެ ހައްގުތަށް ރައްޔިތުންނަށް ހޯދޭނެ މަގު ފަހިކޮށްދީ އާއިލާތަކަށް ރައްކާތެރިކަން ހޯދައި ދިނުމަކީ ގާނޫނޫއަސާސީން ދައުލަތަށް މަތިކޮށްފައިވާ ޒިންމާ އެއް ކަމަށެވެ.
ގާރާރުގައި އިތުރަށް ބުނެފަ ވަނީ، ގެދޮރޮ ނެތް މީހުނަށާއި އަލަށް ކައިވެނި ކުރާ ފަރާތްތަށް، ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އެހެންކަމުން އެ މީހުންނަށް ގޯތި ގެދޮރު ތަނަވަސްކޮށްދިނުމުގެ ގޮތުން ރަށްރަށުގެ ތެރެއިން ގޯތި ދެވޭ ވަރުގެ ޖާގަ ހުރި ރަށްރަށުން އެފަދަ މީހުންނަށް ގޯތި ދޫކުރުން ލާޒިމް ކުރާ ބިލެއް ސަރުކާރުގެ ފަރާތުން އެކުލަވާލައި ދިވެހިންނަށް ހައްގުވާ ބޯހިޔާވަހިކަން ދާއިމީ ގޮތެއްގައި ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
މާދަމާގެ ޖަލްސާއަށް އަށް ހުށަހަޅާފައިވާ އެހެން ގަރާރުތަކުގެ ތެރޭގައި، ކެލާ ދާއިރާގެ މެމްބަރު ހުށަހަޅާފައިވާ ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށްދޭ ގަރާރަކާއި، ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދް ސަލީމް ހުށަހަޅާފައިވާ ދިވެހި ރައްޔިތުންނަށް މާލެ އާއި ރަށްރަށުން ފްލެޓް ދުކުރުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރެއް ހިމެނެ އެވެ.