ހަބަރު

ބޯހިޔާވެހިކަން އަވަސްކޮށްދޭން މަޖިލީހުން ސަރުކާރަށް ގޮވާލަނީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބޯހިޔާވެހިކަމާ ގުޅޭ ބިލެއް ހުށަހެޅުން އަވަސް ކޮށްދިނުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ބޯހިޔާވެހިކަމާ ގުޅޭ ކަންކަން އަވަސް ކުރުމަށް ސަރުކާރަށް ބާރު އަޅަން ގޮވާލުމަށް ތިން ގަރާރެއް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް ގޮވާލާ ގަރާރާއި ދިވެހި ރައްޔިތުންނަށް މާލެ އާއި ރަށްރަށުން ފްލެޓް ދުކުރުމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރުގެ އިތުރުން އަލަތު ކައިވެންޔާއެކު ރަށްރަށުން ގޯތި ދިނުމަށް ގޮވާލާ ގަރާރެވެ.

ކޮންމެ ރައްޔިތަކަށް ބޯހިޔާވެހިކަން ކަށަވަރުކޮށްދޭން ސަރުކާރަށް ލާޒިމް ކުރާ ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ބުނާ މާއްދާތަކާ ހަވާލާދީ އެ ތިން ގަރާރު ވެސް ހުށަހަޅާފައި ވަނީ އެމްޑީޕީ ޕީޖީގައި ހިމެނޭ ތިން މެންބަރެކެވެ.

އެ ގަރާރުތަކުގައި ވަނީ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުން އަވަސް ކުރުމަށާއި އެކަމާ ބެހޭ ބިލެއް އެކުލަވާލައި ވީހާވެސް އަވަހަށް މަޖިލީހަށް ފޮނުވައިދިނުމަށް ގޮވާލައިފަ އެވެ. އަދި ބޯހިޔާވެހިކަމުގެ ބިލުގައި ހިމެނުމަށް ފެންނަ ބައެއް ކަންކަން ވެސް އެ މެންބަރުން ވަނީ ފާހަގަކޮށްފަ އެވެ.

ބިލުގައި ހިމަނަން ހުށަހެޅި ކަންކަން

  • މާލެ ރަށްވެހިންނަށް ބޯހިޔާވެހިކަން ފޯރުކޮށްދޭނެ އުސޫލު
  • އަމިއްލައަށް ދިރިއުޅޭނެ ތަނެއް ނެތް ފަރާތްތަކަށް ހުޅުމާލެ، ގުޅިފަޅު ނުވަތަ ތިލަފުށިން ބޯހިޔާވެހިކަން ފޯރުކޮށްދޭނެ އުސޫލު
  • "ވެށިފަހި މާލެ" ޕްރޮގްރާމް ހިންގާނެ އުސޫލު ކަނޑައެޅުން
  • މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ގްރޭޓާ މާލެ އެހެން ތަނަކުން ބިން ލިބޭނެ ގޮތުގެ އުސޫލު
  • ފްލެޓު ލިބޭނެ ކަމަށް ލިޔުން ދިން ފަރާތްތަކަށް ބޯހިޔާވެހިކަން އަވަހަށް ހަމަޖެހޭނެ ގޮތް ކަނޑައެޅުން

އޭގެ އިތުރުން ވެސް ބައެއް ކަންކަން ވަަނީ ހުށަހަޅައިފަ އެވެ. އެގޮތުން ހައުސިން ނީޑްސްއަށް ބިނާކޮށް ބޯހިޔާވެހިކަން ފޯރުވައިދިނުމުގެ މަޝްރޫއުތައް އަވަސް ކުުރުމަށާއި މާލެއާއި ރާއްޖޭގެ އެހެން ރަށްތަކާ ތަފާތު ކުރުމެއް ނެތި، ބޯހިޔާވެހިކަން ބިނާ ކުރުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ދިގު މުއްދަތަކަށް ދައްކާ ހަލާސް ކުރެވޭނެ ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގަރާރުތަކުން ވަނީ ގޮވާލައިފަ އެވެ.