ހަބަރު

ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީއަށް، މާދަމާ ރޭ ފާސް ކުރަނީ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސަޕްލިމެންޓަރީ ބަޖެޓު ކޮމިޓީއަށް ފޮނުވަން ނިންމަވައި، މާދަމާ ރޭ ބަޖެޓު ފާސް ކުރަން ގަސްތު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މަޖިލީހަށް ބަޖެޓެއް ހުށަހެޅުމުން އެ ބަޖެޓު ދިރާސާ ކުރަން ފޮނުވާނީ އިގްތިސޯދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެކުވެގެން އުފައްދާ "ބަޖެޓު ކޮމިޓީ" އަށެވެ. އެއަށް ފަހު ރިޕޯޓު މަޖިލީހުގެ ތަޅުމަށް ގެނައުމުން އެއަށް ފަހު އެއަށް ބަހުސް ކުރުމަށް ފަހު ފާސް ކުރަން ނިންމާނެ އެވެ.

ނަޝީދު ވިދާޅުވީ ބަޖެޓު ކޮމިޓީއިން މިއަދުގެ ހަތަރުދަމު ބަޖެޓުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި މާދަމާ އެ ރިޕޯޓު މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މާދަމާ ރޭގެ ނިޔަލަށް އިސްލާހު ހުށަހެޅުމަށް ވަގުތު ދެވި އަދި އެ ރޭ އިތުރު ފައިސާ ހޯދުމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމަން އަމާޒު ހިފަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ މިއަދާއި މާދަމާ މި މަސައްކަތްކޮށް، މާދަމާ ރޭ އަޅުގަނޑުމެންނަށް މީގެ [ބަޖެޓާ މެދު] ގޮތެއް ނިންމޭ ގޮތް ވުން،" ނަޝީދު ވިދާޅުވި އެވެ.

މި އަހަރަށް މަޖިލީހުން ފާސް ކުރި ބަޖެޓުން ހަރަދުތައް ހަމަނުޖެއްސިގެން އިތުރު ފައިސާއަށް އެދި ފިނޭންސް މިނިސްޓްރީ އިން މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުގަ އެވެ. އިތުރަށް އެދިފައި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އަދި ސާފެއް ނުވެ އެވެ.