ހަބަރު

ޖުޑިޝަރީގެ އިސްލާހު ލަސްވާތީ ޔައުގޫބު ސުވާލު އުފައްދައިފި

Aug 25, 2019
3

އަބަދު ރިޕޯޓުތަކެއް ހަދައިގެން، ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ވަގުތު ބޭކާރު ކުރާއިރު، ފަނޑިޔާރުގެ އިސްލާހު ކުރަން އެމްޑީޕީގެ ތަނަސްވަސް އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ބޭނުންވާ މިންވަރާމެދު ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބު އަބްދުﷲ މިއަދު ސުވާލު އުފައްދަވައިފި އެވެ.

ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފުވެފައިވާ 17 ކަމެއް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޔައުގޫބު ވިދާޅުވީ ފަނޑިޔާރުގެއާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ރިޕޯޓުތައް ތައްޔާރުކޮށްފައިވާއިރު، އިތުރު ރިޕޯޓެއް ހުށަހެޅިގެން އެއަށް ބަހުސްކޮށް ވަގުތު ދުއްވާލަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ހިތަށް އަރާ މަޖިލީހުގައި އަޅުގަނޑުމެން ތިން މަސް ވަންދެން މުސާރަ ނަގައިގެން ގެއަށްދާއިރު، ދިވެހި ރައްޔިތުން އަދިވެސް އެތިބީ މަގުމަތީގައޭ. ދިވެހި ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތް ނުނިންމާ މި ދަނީ. މިއީ އެންމެ ދުވަހަކުން ވެސް ނިންމާލެވޭނެ މަސައްކަތެއް،" އިތުރު ރިޕޯޓުތައް ހަދައިގެން ވަގުތު ބޭކާރު ކުރެވި ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ނުލިބި ދިގުލާގައިގެންދާތީ ކަންބޮޑުވުން ފާޅުކުރައްވަމުން ޔައުގޫބު ވިދާޅުވި އެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމަކީ އެމްޑީޕީގެ "އެޖެންޑާ 19" ގެ މުހުންމު ވައުދެއް ކަމަށްވާއިރު، އެކަން ކުރުމުގެ ޕްލޭނެއް ނެތް ކަމަށްވެސް ޔައުގޫބު މިއަދު ފާހަގަ ކުރެއްވި އެވެ.

"ތިން މަސް ވެގެންދާއިރު މި މަސައްކަތް ނުނިމޭތީ އަޅުގަނޑު ހިތަށް އަރާ އަޅުގަނޑުމެން ހަގީގަތުގައި މި މަސައްކަތް ކުރަން އެބަ އުޅޭބާއޭ. މިކަން ކުރަން ޕްލޭންއަކީ ކޮބައިތޯ. ފެށުނީއްސުރެ މިވާހަކަ ދައްކަމުން އަންނަ މީހަކަށްވާއިރު، އަޅުގަނޑުކަށް ވެސް ނޭނގޭ ޕްލޭންއަކީ ކޮބައި ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޔައުގޫބު އިތުރަށް ވިދާޅުވި ގޮތުގައި، މަޖިލީހުން މިހާރު ކުރަންޖެހޭ ކަމަކީ ހެދިފަ ހުރި ރިޕޯޓުތަކަށް އަމަލު ކުރުން ކަމަށާއި އެއީ އެންމެ ދުވަހެއްގެ ތެރޭގައިވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

"މި ގެންނަ ރިޕޯޓުތަކަށް ވަގުތު ދުއްވާލާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ވެވޭ ހިޔާނާތެއް،" ޗުއްޓީއަށް ނުގޮސް ވެސް އެ މަސައްކަތް ނިންމަންޖެހޭކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ އިތުރަށް ވެސް ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ބައެއް ކަންކަން މިއަދުގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ފާހަަގަ ކުރެއްވި އެވެ. އެ ގޮތުން 2008 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައްޔަން ކުރައްވާފައިވާ މަޖިލީހުގެ އަށް މެންބަރުންގެ މަގާމު އިންތިހާބާ ހަމައަށް ދެމިގެންދާނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ކުރި ހުކުމް ވަނީ ފާހަގަކޮށްފަ އެވެ.

އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށް އަލުން ކޯޓުގެ ބެންޗެއް އެކުލަވާލަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ މިއަދު ގޮވާލައިފަ އެވެ.