ފިނިޕޭޖް

މަންޑޭ ވާސަސް މުސީ: ބޮޑުބެރުގެ ރަސްގެފާނަކީ މިހާރު ކާކު؟

އިހަކަށް ދުވަހު އެއޮތް ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ވިޒިޓް މޯލްޑިވްސް އިޔާ ޝޯގެ ތެރެއިން ހަރުބީ ބޮޑުބެރު ގްރޫޕް ސްޓޭޖަށް އަރައި އެމީހުންގެ އެފަދަ ދެ ވަނައެއް ނެތް ލީޑް ވޯކަލިސްޓް އިބްރާހިމް މަމްދޫހު، މަޝްހޫރު ނަމުން ނަމަ މަންޑޭ، ދައްކާލުމާ އެކު ޝޯ ބަލަން ގޮސް ތިބި އަންހެން ވެރިންގެ ހިތާއި އަނގައިގެ ތެޅުން އަވަސްވި އެވެ.

"މަންޑޭ ވަރެއް ހަމަ ނެތީއޭ ދޯ. ތިޔަ އުޅޭ ސަނަމް ޕޫރީއެއް ނުބަލާ ދެން ގެއަށް ދިޔަޔަސް މާ ރަނގަޅުވާނެ،" އެރޭގެ ޝޯގެ ހާއްސަ މެހްމާނުންގެ ގޮތުގައި ފަހުން ޕާފޯމްކުރަން ފޫގަޅައިގެން އޮތް އިންޑިއާގެ ޕޮޕް ބޭންޑް ސަނަމްގެ އެންމެ މަގްބޫލު މޫނަށް ހަމަލާއެއް ދެމުން، މަންޑޭ އަށް ތައުރީފު އަމުނަމުން ޒުވާން އަންހެން ކުއްޖަކު ބުނެލީ މިހެންނެވެ.

ޝޯ ބަލަން ގޮސް ހުރި މި އަންހެން ކުއްޖާގެ މި ވާހަކައަކަށް ދެން ހުރި ކުއްޖާ ކަނޑާލީ ޗޮކެކެވެ.

"ކޮންތާކު! ހަބޭސްގެ މުސީ ވަރެއް މިހާރަކު ނެތް. ތި މަންޑޭމެން މިހާރު ބާވެއްޖެއޭ."

މި އަންހެން ކުއްޖާ އެ އިޝާރާތްކުރީ ޒަމާނީ ބޮޑުބެރުގެ ރޭހުގައި ހަރުބީއާ އެންމެ ވާދަވެރި ބޮޑުބެރު ގްރޫޕް ހަބޭސްގެ ލީޑް ވޯކަލިސްޓެއްގެ ގޮތުގައި މިފަހުން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޒުވާން ލަވަކިޔުންތެރިޔާ ހަސަން މުސްފަހު ނުވަތަ މުސީ އަށެވެ.

ތެދެކެވެ. ބޮޑުބެރުގައި މިހާރު ހަމަ އަސްލަށް ވެސް މިހާރު މަންޑޭ އާއި މުސީ ވަރެއް ނޭތޭ ބުނެވިދާނެ އެވެ. ވަކިން ހާއްސަކޮށް ޒުވާން އަންހެން ކުދިންގެ މެދުގަ އެވެ. މިއީ އެއްގޮތަކަށް ވެސް ބޮޑުބެރަށް ލަވަކިޔައި އުޅޭ އެހެން ފަންނާނުން ދެރަކޮށްލުމެއް ނޫނެވެ.

ބޮޑުބެރުގެ ސްޓޭޖަށް އަރައި މަންޑޭ އާއި މުސީ އާންމުންގެ ތެރޭގައި ހޯދާފައިވާ މަޝްހޫރުކަމާއި މަގްބޫލުކަމަކީ ހަމަ ހަގީގަތުގައި ވެސް އިހްތިރާމް ހައްގު ކަމެކެވެ. އެ ހުރިހައި އިހްތިރާމެއް މި ދެ ފަންނާނުންނަށް ދިނުމަށް ފަހު ދެން މި އޮތީ އެހެން ވާހަކަ އެކެވެ.

ބޮޑުބެރުގެ ތަހުތަށް މީގެ ތެރެއިން އެކަކު އައްޔަންކުރުމުގެ ވާހަކަ އެވެ. ވަރަށް ގިނަ ބަޔަކު އިއްތިފާގުވާ ގޮތުން ބޮޑުބެރުގެ މިއަދުގެ ރަސްގެފާނަކީ މަންޑޭ އެވެ. އަދި އެއް ބަޔަކު ގަބޫލުކުރާ ގޮތުން މަންޑޭމެން ތައާރަފްކޮށް މަޝްހޫރުކުރި ޒަމާނީ ބޮޑުބެރުގެ ތެރެއިން އުފެދިގެން އައި އެހެން ހުނަރުވެރިން ވަނީ މަންޑޭގެ އަތުން މި ތާޖު އަތުލައިފަ އެވެ.

އެގޮތުން ބޮޑުބެރުގެ ތަހުތުން މަންޑޭ ދުރުކޮށްލި ނަމަކީ މުސީއަކަށް ނުވަތަ އެ ނަމަކަށް ވާނެ ފަންނާނަކީ މުސީ ކަމަށް ބުނާ ބޮޑުބެރުގެ ފޭނުން ވަރަށް ވެސް ގިނަ އެވެ. އެހެންވީމަ މިހައި ހިސާބުން މިއުޒިކްގެ ބައެއް ތަޖުރިބާކާރުންނާއި އާންމުން އަދި ވަކިން ހާއްސަކޮށް ބޮޑުބެރުގެ އަވާގައި ޖެހިފައިވާ ޒުވާން އަންހެން ކުދިން މި ދެ ފަންނާނުންނާ މެދު ދެކޭ ގޮތަށް ޖެހިލަމާ ހިނގާށެވެ.

ސަބަބަކީ އަންހެން ކުދިންގެ ހިޔާލުތަކެއް މި ދެ ފަންނާނުންނާ ބެހޭ ގޮތުން ނުހޯދައި މި ލިޔުމެއް ވެސް ފުރިހަމަނުވާނެތީ އެވެ. ބޮޑުބެރަށް އަންހެން ކުދިންގެ ހިތް ދަމައިގެންގޮސްފައިވާ އެންމެ ބޮޑު އަސްލަކީ ވެސް މަންޑޭ އާއި މުސީ ފަދަ ޒުވާން ލަވަކިޔުންތެރިން މި ސަގާފީ ކުޅިވަރުގެ ތެރެއިން މިއަދު ފެންނަން ތިބުމެވެ.

އެހެންވީމަ މަންޑޭ އާއި މުސީ އަކީ މި ރޭހުގައި ގާތްގަނޑަކަށް ޑްރޯއެކެވެ. ދެ މީހުންގެ ފަހަތުގައި ނިކަން ވަރުގަދަ ދެ ބޭންޑް އެބައޮތެވެ. މި ދެ ބޭންޑް އަދި ދެ ލަވަކިޔުންތެރިންގެ ފަހަތުގައި ވަރަށް ބައިވަރު ފޭނުން އެބަތިއްބެވެ. ދެ ލަވަކިޔުންތެރިންނަށް މޮޔަވާ އެތައް އަންހެން ކުދިންނެއް ވެސް އެބަ އުޅެ އެވެ. ދެ މީހުންނަކީ ބޮޑުބެރުގެ ސްޓޭޖު ފިޔަވައި ދިވެހި ޕޮޕް ލަވައިގެ ދުނިޔެ ވެސް ފަތަހަކޮށްފައިވާ ދެ ލަވަކިޔުންތެރިންނެވެ.

އެހެންވީމަ ބޮޑުބެރުގެ މި އާދަޔާހިލާފު ރޭހުގައި ކުރި ލިބެނީ ކާކަށް ހެއްޔެވެ؟ ބޮޑުބެރުގެ މިއަދުގެ ރަސްގެފާނަކީ ކާކު ހެއްޔެވެ؟ އެމީހަކީ އަދިވެސް މަންޑޭ ހެއްޔެވެ؟

ޓީވީއެމްގެ ބޮޑުބެރު ޗެލެންޖުގެ މި އަހަރުގެ މުބާރާތުގައި ލަވަކިޔުން ޖަޖުކުރި ތަޖުރިބާކާރު ލަވަކިޔުންތެރިޔާ ސުހެއިލް ބުނީ މި ދެ ލަވަކިޔުންތެރިންނާ ބެހޭ ގޮތުން އެނގިފައި ހުރި އެއްޗަކަށް އަދި ދެ މީހުންގެ ފަރާތުން ފެނިފައި ހުރި ޕާފޯމްތަކަށް ބަލާއިރު އޭނާގެ މާކްސް ޝީޓުގައި ކުރި ލިބެނީ މަންޑޭ އަށް ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް މަންޑޭ ގިނަ ދުވަސްތަކެއް ވަންދެން ބޮޑުބެރުގެ ތެރޭގައި އުޅުމަކީ އޭނާ އަށް ލިބޭ ޕްލަސް ޕޮއިންޓެއް. ދެން ބެރު ޖަހަމުން ލަވަކިޔަމުން މުސީ ޕާފޯމްކުރި މަންޒަރެއް ނެތް އަޅުގަނޑަކަށް ފެނިފައި،" ސުހެއިލް ބުންޏެވެ.

އޭނާ ބުނީ ހުނަރުގެ ގޮތުން ބަލަނީ ނަމަ އޭނާ އަށް މޮޅީ މަންޑޭ ކަމަށެވެ.

"މުސީ އާއި މަންޑޭގެ ފަރާތުން އަޅުގަނޑަށް ފެންނަ ތަފާތެއް އެއީ ދެ މީހުން ޕާފޯމްކުރާއިރު މަންޑޭ އަކީ އާންމުކޮށް ބޮޑުބެރެއް ޖަހަމުން ލަވަތައް ހުށަހަޅައިދޭ ފަންނާނެއް. އެ ހުނަރު މުސީގެ ފަރާތަކުން ނެތް ފެނިފައެއް އަޅުގަނޑަކަށް،" ސުހެއިލް ކިޔައިދިނެވެ.

"އެކަމަކު ދެ މީހުންގެ ހުނަރަށް ޖަޖުމަންޓެއް ދޭން އުނދަގުލީ މުސީގެ ޕާފޯމެންސްތަކެއް އެހާ ބޮޑަށް ފެނިފައި ނެތީމަ. އެހެން ނަމަވެސް މި ދެންނެވި ވާހަކަތަކަށް ބަލާ ނަމަ ޕްލަސް ޕޮއިންޓެއް ދެވޭނީ މަންޑޭ އަށް."

މިގޮތަށް މަންޑޭ އަށް ތައުރީފުކުރަމުން ސުހެއިލް ބުނީ ބޮޑުބެރު ނޫން އެހެން ޝޯތަކުގައި ވެސް މަންޑޭ ތަކުރާރުކޮށް ޕާފޯމްކުރަމުން ގެންދިއުމަކީ އޭނާގެ މަޝްހޫރުކަން ބޮޑުވެ މި ރޭހުގައި މުސީގެ މައްޗަށް ކުރި ލިބޭ ކަމަކަށް ވެދާނެ ކަމަށެވެ. އާންމުކޮށް ރޯދަ މަހު ގެނެސްދޭ ޓީވީގެ ލަވަ ޝޯތަކުގައި މަންޑޭ އަކީ މަގްބޫލު މޫނެކެވެ.

މުސީ މެއިންސްޓްރީމް ޓީވީ ޝޯއަކަށް އެރީ މި އަހަރު ޓީވީއެމުން ގެނެސްދިން އެހަނދާނުގައި ޝޯގައި އެކަންޏެވެ. އެހެންވީމަ ހުރިހައި ދިމާލެއްގައި ވެސް މުސީ މި އުޅެނީ މަންޑޭ އަށް ވުރެ ފަހަތުގަ އެވެ. 

ނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް އަލީ ނުވަތަ ކުޑައިއްބެ ގަބޫލުކުރާ ގޮތުން ލަވަކިޔުމުގެ ރޭހުގައި މަންޑޭ އަށް ވުރެ ކުރީގައި އުޅެނީ މުސީ އެވެ.

"ޖުމްލަކޮށް ބަލާއިރު މަންޑޭ މޮޅު. ތެދުތެދަށް ބުނަނީ ނަމަ ބުނެވޭނީ މިހެން،" ކުޑައިއްބެ ބުންޏެވެ.

"މަންޑޭ އަކީ ވަކިން ހާއްސަކޮށް އޭނާގެ ސްޓޭޖު ޕާފޯމެންސް ވަރަށް ރީތި ފަންނާނެއް. އެކަމަކު ބުނަން ޖެހޭނީ ލަވައިގެ ޑައިނަމިކްސް ނުވަތަ ކިޔުމަށް ބަލާއިރު މަންޑޭ އަށް ވުރެ މުސީ މާ މޮޅޭ."

ކުޑައިއްބެ ބުނީ މަންޑޭ އަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ މިއަދު ފޯރި ހިފާފައި އޮތް ބޮޑުބެރުގެ ފެށުމަށް އޭނާ ނިސްބަތްވުމާއި ބޮޑުބެރުގެ ބެކްގްރައުންޑަކުން ނުކުމެގެން އައުން ކަމަށެވެ.

"ދެ މީހުންނަކީ ވެސް ގާތްގަނޑަކަށް އެއްވަރުގެ ދެ ލަވަކިޔުންތެރިންނޭ އަޅުގަނޑަށް ބުނެވޭނީ. އެކަމަކު ތަޖުރިބާގެ ގޮތުން މަންޑޭ އަށް މުސީގެ މައްޗަށް ކުރި ނުލިބޭނެއެކޭ ދަންނަވާކަށް ނޭނގޭ،" ކުޑައިއްބެ ބުންޏެވެ.

"އަނެއްކޮޅުން މަންޑޭ އަކީ މިހާރު ފޯރި ހިފާފައި މި އޮތް ޒަމާނީ ބޮޑުބެރުގެ އިސް ނަމެއް. އޭގެ ފައިދާ ވަރަށް ބޮޑަށް އެބަކުރޭ މަންޑޭގެ ކެރިއަރަށް. އެގޮތުގައި އޭނާ އަދިވެސް ހިފަހައްޓަމުން އެދަނީ. އެކަމަކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޖީލުތައް އުފެދެމުން އަންނަވަރަކަށް ޒުވާން އާ ހުނަރުވެރިން އަންނާނޭ މަންޑޭމެން ވެސް ފަހަތުން"

"ހުނަރުގެ ގޮތުން އަޅުގަނޑުމެންނަށް ވުރެ ވެސް ލަވަކިޔަން މޮޅު ކުދިން އެބަ އުޅޭތާ މިހާރު"

"މުސީ އަކީ ވެސް ކުރިން ދަންނަ ނަމެއް އަދި އަޑެއް ވެސް ނޫން. އެކަމަކު މިހާރު ވަރަށް ޕޮޕިއުލާ ލަވަކިޔުންތެރިއެއް އޭނާ އަކީ ބޮޑުބެރުގައި. އެއީ ވެދާނެ ލަވަކިޔުމުގެ ވައްޓަފާޅީގެ ގޮތުން ކަމަށް ވެސް."

ނަން ނުޖެހުމަށް އެދި ހިޔާލު ބަދަލުކުރި ޕްރޮޑިއުސަރަކު ވެސް ބުނީ މަންޑޭގެ ކާމިޔާބީގެ ފަހަތުގައި އޭނާގެ ތަޖުރިބާގެ ހިއްސާ ބޮޑު ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މުސީމެން އެއީ ވަރަށް ފަހުގެ ކުދިން އަސްލު. އެކަމަކު މަންޑޭ އަކީ ބްރޭންޑެއް މިހާރު. މަންޑޭމެން މިވަރުވީ އަސްލު އެ ފެންވަރުގައި ވާދަކުރާނެ އެއްވެސް މީހަކު ނެތި. އެކަމަކު މުސީ އައިއިރު މިތިބީ ބޮޑުބެރުގެ މޮޅު ލަވަކިޔުންތެރިން އުފެދި ޒަމާނީ ބޮޑުބެރުގެ ވައްތަރު ވެސް ގިނަވެ ގޮންޖެހުން ގިނަވެފައި މި ދާއިރާގައި،" ބޮޑުބެރުގެ ރޭހުގައި މުސީ އަށް އަދި މަންޑޭ އަތުނުލެވިގެން އުޅޭ ސަބަބާ މެދު ހިޔާލު ފާޅުކުރަމުން އެ ޕްރޮޑިއުސަރު ބުނީ މިހެންނެވެ.

މީގެ އިތުރުން އޭނާގެ ހިޔާލުގައި ލަވަކިޔަން ވެސް އަދި ހުރިހައި ގޮތަކުން ވެސް މުސީ އަށް ވުރެ މިހާރު މޮޅީ މަންޑޭ އެވެ. ނަމަވެސް ތަޖުރިބާކާރު މިއުޒީޝަން އަދި ބޮޑުބެރު ޗެލެންޖުގެ ފުރަތަމަ މުބާރާތް ހަރުބީ އާއި މަންޑޭ ގެންދިޔައިރު ޖަޖަކަށް ހުރި ޝާޒު ސައީދުގެ ހިޔާލުގައި މަންޑޭ އާއި މުސީ ވެސް އަދި މޮޅު ލަވަކިޔުންތެރިންނަކަށް ބަދަލެއް ނުވެ އެވެ.

މަންޑޭ އާއި މުސީގެ ހުނަރާ ބެހޭ ގޮތުން ހިޔާލު ބަދަލުކުރި ތަޖުރިބާކާރު މިއުޒީޝަނުންގެ ތެރެއިން ހިޔާލު އެންމެ ތަފާތު ކަމަށް ފާހަގަކުރެވުނީ ވެސް ޝާޒްގެ އެވެ. އޭނާ ބުނީ ފުރިހަމަ ލަވަކިޔުންތެރިންނަށް ބަދަލުވާން މަންޑޭ އާއި މުސީ ކުރަން ޖެހޭ ދަތުރު އަދި ވަރަށް ވެސް ދިގު ކަމަށެވެ.

"މި ދާއިރާގައި އުޅޭނީ ދެ ވައްތަރަކަށް ލަވަކިޔާ މީހުން. ރީތިކޮށް ލަވަކިޔާ މީހުންނާއި މޮޅަށް ލަވަކިޔާ މީހުން. މޮޅަށް ލަވަކިޔަން ކޮންމެހެން އެ މީހަކަށް ރީތި އަޑެއް ވެސް ބޭނުމެއް ނުވާނެ،" މިއީ ޝާޒުގެ ހިޔާލެވެ.

"މި ދެ ލަވަކިޔުންތެރިންނަށް ބަލާއިރު އަޅުގަނޑަށް މިހާރު ފެންނަނީ ހަމައެކަނި މަޝްހޫރުކަމެއް. ޓެކްނިކަލީ ނުވަތަ ހުނަރުގެ ގޮތުން މޮޅުކަމެއް ނުފެނޭ ހަގީގަތުގައި މިހާރަކު."

"ހަމައެކަނި މަޝްހޫރުކަމަށް ވިސްނައިގެން ލަވަކިޔާނެ ކަމެއް ނެތް މިކަމުގައި ފިއުޗާއެއް ބޭނުމިއްޔާ."

ޝާޒުގެ ހިޔާލު މިހެން ހުއްޓަސް ދެ ލަވަކިޔުންތެރިންގެ ކިބައިގައި ހުނަރެއް ހުރި ނަމަ އެ ހުނަރަކަށް ވެސް އޭނާ ތައުރީފުކުރި އެވެ.

"މަންޑޭ އަކީ ރީތިކޮށް ލަވަކިޔާ މީހެއް. އެކަމަކު މޮޅަށް ލަވަކިޔާކަށް އޭނާ މަސައްކަތެއް ނުކުރޭ. އަސްލު އެންމެން ވެސް މަސައްކަތްކުރަންވީ މޮޅަށް ލަވަކިޔަން ދަސްކުރަން،" ޝާޒު ބުންޏެވެ.

"ރީއްޗަށް ލަވަކިޔާ މީހަކު ރީތިވުމަކީ ވެސް އެ މީހަކަށް ލިބޭ ޕްލަސް ޕޮއިންޓެއް. މިސާލަކަށް ރީތި ފިރިހެނަކަށް ވީމަ އެމީހަކު ޕްރޮޑަކްޓެއްގެ ގޮތުގައި ވިކުމުގެ ފުރުސަތު ވެސް އޮންނާނެ."

އެއީ ތެދެކެވެ. އަދި ޝާޒުގެ މި ވާހަކައިގައި މަންޑޭ އާއި މުސީ އަށް އިޝާރާތެއް ނުކުރިޔަސް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މަންޑޭގެ ކާމިޔާބީގެ 50 ޕަސެންޓަކީ އޭނާގެ "ލުކް އަދި ސްޓައިލް" އެވެ.

މުސީގެ މަގްބޫލުކަން ވެސް މިފަހުން ގަދަވެގެން ދިއުމުގެ ފަހަތުގައި "ލުކް އަދި ސްޓައިލް" ބޮޑު ރޯލެއް ކުޅޭ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ޒުވާން އަންހެން ކުދިން މި ދެ ފިރިހެނުންނަށް މިވަރަށް ހިތްކިޔައިގެން އުޅުމަކީ ވެސް އެމީހުންގެ "ލުކް" އެމީހުންގެ ކާމިޔާބީގައި ރޯލެއް އަދާކުރާ ކަމުގެ ހެއްކެކެވެ.

އެހެންވީމަ ޝާޒު އެ ބުނިހެން ރީތިވުމަކީ މީހަކަށް ފަސޭހައިން އާންމުންގެ ހިތް ލެނބިދާނެ ކަމެކެވެ.

ޝާޒު ބުނީ ހަމައެކަނި މަޝްހޫރުކަމެއް ހޯދަން ނުވަތަ މަޖަލަށް ލަވަކިޔުމުގެ ބަދަލުގައި މި ދެ ލަވަކިޔުންތެރިން މިކަމުގައި ސީރިއަސްވެއްޖެ ނަމަ މިއީ އެއްވެސް ބަޔަކަށް އަތުލެވޭނެ ދެ ފަންނާނުންނެއް ނޫން ކަމަށެވެ.

"މި ދެ ލަވަކިޔުންތެރިން އެއްކޮށްލީމަ އަސްލު ފުލް ވޯކަލިސްޓެއް މި އުފެދެނީ. މުސީގެ އެބަހުރި ރޭންޖެއް. މަންޑޭގެ އޮތީ ރީތި އަޑެއް. އެހެންވީމަ މި ރޭންޖާއި ރީތި އަޑު އެއްކޮށްލީމަ މި އުފެދެނީ މޮޅު ވޯކަލްއެއް،" ޝާޒު ބުނީ މިހެންނެވެ.

"އެގޮތަށް މޮޅުވާން މި ދެ މީހުން މަސައްކަތްކުރަނީ ނަމަ މިއީ ދެން ތިބި ލަވަކިޔުންތެރިންނަށް އަތުނުވާނެ ދެ މީހުން. އެކަމަކު މިހާރު މި ފެންނަނީ މަޖަލަކަށް ލަވައެއްކިޔާލާ މަންޒަރު."

ފަހަރެއްގައި އެމީހުން މަޖަލަށް ނުވަތަ މަޝްހޫރުކަމެއް ހޯދަން ލަވަކިޔަނީ ހަމައެކަނި އަންހެން ކުދިންގެ ހިތްތައް އަތުލުމަށެވެ. މި ދެ ލަވަކިޔުންތެރިންގެ ތެރެއިން ލަވަކިޔަން މޮޅީ ކާކުތޯ ބަލަން އަހަރެމެން ޝައުގުވެރިވިޔަސް އެމީހުންގެ ގިނަ ފޭނުންގެ ގޮތުގައި ތިބި އަންހެންވެރިން އެކަން ބަލާކަށް ބޭނުމެއް ނުވެ އެވެ.

"އަހަންނަށް ހެޔޮ މަންޑޭ އަށް ދުވަހަކު ވެސް މި އުޅޭ އާދައިގެ ދިވެހި ލަވަގަނޑެއް ރީއްޗަށް ނުކިޔުނަސް. މަންޑޭ ބޮޑުބެރާ އެކު ނުލާހިކު ރީތި،" މަންޑޭ އަށް ސަޕޯޓްކުރާ 23 އަހަރުގެ އަންހެން ކުއްޖަކު ބުނީ މިހެންނެވެ.

"އައްޗި މަންޑޭ ތިއީ ވަރަށް ފޮނި މީހެއް. މަޝްހޫރުވީމަ މާ ބޮޑަށް ފޮނިވެފައި އެ ހުންނަނީ. އެކަމަކު މުސީ އެހެނެއް ނޫން. މުސީގެ އެންމެ ރީތީ އޭނަގެ ސްމައިލް،" އެހެން އަންހެން ކުއްޖަކު ބުނީ މިހެންނެވެ.

އެހެންވީމަ ލަވަކިޔާ ގޮތް ނުވަތަ ލަވަކިޔަން މޮޅުވުން އެއީ އަންހެން ކުދިންނަށް އެހާ މުހިންމު ސިފައެއް ނޫންކަން އެބަ ހާމަވެ އެވެ.