ހަބަރު

ފިނޭންސް އިން ހުށަހެޅި ގޮތަށް ސަޕްލިމެންޓަރީ ބަޖެޓު ކޮމިޓީ އިން ފާސްކޮށްފި

Aug 25, 2019

ދައުލަތުގެ ހަރަދަށް އިތުރަށް ބޭނުންވާ 1.7 ބިލިއަން ރުފިޔާ، ބަޖެޓަށް އިތުރުކޮށް ދިނުމަށް ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން ފާސްކޮށްފި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން މިރޭ ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީ އިން ހުށަހަޅާފައިވާ ލިޔުމާ ބެހޭ ގޮތުން ދެ ހުށަހެޅުމަކަށް ވޯޓަށް އެހުނެވެ. އެއީ ހިލޭ އެހީގެ ގޮތުގައި 716.8 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި ޖުމުލަ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަަން ރުފިޔާ އިތުރުކޮށްދިނުމަށެވެ. އެގޮތަށް ވޯޓަށް އެހުމުން ކޮމީޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުން ބަޖެޓު ފާސް ކުރަން ނިންމި އެވެ.

ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހުނު މައިގަނޑު ސަބަބެއް ކަމުގައި ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމުގެ އިތުރުން އަލަށް އުފެދުނު ގާނޫނުތަކުގެ ދަށުން ދައުލަތުން ކުރަންޖެހޭ ހަރަދުތައް ލަފާ ކުރެވުނު ވަރަށް ވުރެ އިތުރުވުމާ ގުޅިގެނެވެ.

ސަޕްލިމަންޓަރީ ބަޖެޓުގެ މައިގަނޑު ބައިތައް

  • ހަޔާ އެޑިޔުކޭޝަން: 300 މިލިއަން
  • ހެލްތު: 309 މިލިއަން
  • ޕްލޭނިންގް: 15.8 މިލިއަން
  • އެޑިޔުކޭޝަން: 94.5 މިލިއަން
  • ފިނޭންސް: 925.9 މިލިއަން

މަޖިލިހަށް ބަޖެޓު ހުށަހެޅީ މިއަދު ބޭއްވި ޖަލްސާގަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި ވަނީ މިއަދު ކޮމިޓީގެ މަސައްކަތް ނިންމާ މާދަމާ ތަޅުމުގައި ބަޖެޓަށް ބަހުސް ކުރުމަށް ފަހު މާދަމާ ރޭ ބަޖެޓު ފާސް ކުރުމަށެވެ. މާދަމާ ބަޖެޓަސް ބަހުސް ކުރެއްވުމަށް ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ ވަގުތެއް ދިނުމަށް މިރޭ ކޮމިޓީ އިން ނިންމި އެވެ.