ވިޔަފާރި

ސަޕްލިމެންޓްރީ ބަޖެޓުން އެނގެނީ ކޮން ކަމެއް؟

Aug 28, 2019

މި ސަރުކާރުގެ ފުރަތަމަ ސަޕްލިމެންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ރޭ ވަނީ ފާސްކޮށްދީފަ އެވެ. ސަރުކާރުން ހުށަހެޅި ގޮތަށް، 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްދިން އިރު މި ބަޖެޓުގައި މުހިންމު މަސައްކަތް ތަކެއް ކުރަން ފައިސާ ހިމަނާފައިވެ އެވެ. މި ސަޕްލިމެންޓްރީ ބަޖެޓުން އެނގެނީ ކޮން ކަމެއް ހެއްޔެވެ ؟

މި އަހަރަށް ލަފާކޮށް ފާސްކޮށްފައި ވަނީ 27.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މި ސަރުކާރުގެ ވައުދުތައް ފުއްދަން ހިމެނި 1.7 ބިލިއަން ރުފިޔާގެ ފައިސާއާއެކު މި އަހަރުގެ ބަޖެޓު 29 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ އެވެ. މިއާއެކު ފެންނާނެ އެއް މަންޒަރަކީ ބަޖެޓުގެ ޑެފިސިޓް ފަސް ބިލިއަން ރުފިޔާއަށް އިތުރުވެގެން ދިއުމެވެ.

ހިލޭ އެހީއަށް އިންތިޒާރު

ސަޕްލިމެންޓްރީ ބަޖެޓާއެކު ހަމައެކަނި އިތުރު ވެގެންދަނީ ހަރަދާއި ޑެފިސިޓް އެކަންޏެއް ނޫނެވެ. ބަޖެޓަށް މި ގެނައި ބަދަލާއެކު އާމްދަނީ ވެސް އިތުރު ވެގެންދާނެ އެވެ.

ނަމަވެސް އާމްދަނީގެ ގޮތުގައި އިތުރުވާނެ ކަމަށް ހިމަނާފައިވަނީ ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އެވެ. މިގޮތުން ސައުދީ އަރަބިއްޔާ އިން ހިލޭ އެހީގެ ގޮތުގައި ދޭން އެއްބަސްވެފައިވާ 618.8 މިލިއަން ރުފިޔާގެ އިތުރުން އިންޑިޔާ ސަރުކާރުން ދޭން ނިންމާފައިވާ 100 މިލިއަން ރުފިޔާއަކީ ލިބޭނެ ފައިސާ ކަމަށް ހިމަނާފައިވެ އެވެ. މިބައިތައް ލިބިއްޖެނަމަ އަހަރު ނިމޭއިރު ދައުލަތުގެ އާމްދަނީ 24 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.

ކެޕިޓަލް ހަރަދަށް 1.1 ބިލިއަން

މި ފަހުން ހުށަހެޅި ހުރިހާ ބަޖެޓެކޭ އެއްގޮތަށް މި ސަޕްލިމެންޓްރީ ބަޖެޓުގެ ވެސް ބޮޑު ބަޔަކީ ކެޕިޓަލް ހަރަދު ތަކެވެ. މި ބަޖެޓުން ކެޕިޓަލް ހަރަދު 1.1 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. އަދި ރިކަރަންޓު ހަރަދު ގާތްގަނޑަކަށް 588 މިލިއަން ރުފިޔާ އަށް އަރާނެ އެވެ.

ބަޖެޓުގައި ހަޔާ އެޑިޔުކޭޝަން 300 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ. އަދި ސިއްހީ ހިދުމަތަށް 309 މިލިއަން ރުފިޔާ ހޭދަކުރާއިރު، ޕްލޭނިން އަށް 15.8 މިލިއަން ރުފިޔާ ހޭދަ ކުރަން ހިމަނާފައިވެ އެވެ. އަދި ތައުލީމީ ދާއިރާ އަށް 94.5 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

ސަޕްލިމެންްޓްރީ ބަޖެޓްގައި ސްކޫލްތަކުގެ ދަރިވަރުންނަށް ދޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމް 81 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަން 294.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މިދިޔަ ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލުގައި ފެށި މަޝްރޫއުތައް ކުރި އަށް ގެންދަން 150 މިލިއަން ހޭދަ ކުރާނެ އެވެ.

މި ސަރުކާރުގެ ވައުދެއް ކަމަށްވާ ވައިގެ ދަތުރުފަތުރު އަގު ހެޔޮކުރަން އައިލެންޑް އޭވިއޭޝަނަށަށް ދޭން، 35 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އަދި ސަރުކާރުގެ ވައުދެއް ކަމަށްވާ ކަރަންޓް އަގުހެޔޮ ކުރަން ސަރުކާރުގެ ކުންފުނި ތަކަށް ދޭ 24.4 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މި ބަޖެޓުގައި ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސީގެ ރެވެނިއު ލޮސްގެ ގޮތުގައި 130 މިލިއަން ރުފިޔާ ދޭން ބަޖެޓުކޮށްފައިވެ އެވެ. ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމުގެ އިތުރުން އަލަށް އުފެދުނު ގާނޫނުތަކުގެ ދަށުން ދައުލަތުން ކުރަންޖެހޭ ހަރަދުތައް ލަފާ ކުރެވުނު ވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވުމެވެ.