އަފްޣާނިސްތާން

އަފްޣާނިސްތާނު ސިފައިންގެ 14 މީހަކު މަރާލައިފި

އަފްޣާނިސްތާނުގެ ސިފައިން ގާއިމް ކޮށްފައިވާ ޗެކް ޕޮއިންޓަކަށް ތާލިބާނުން ދިން ހަމަލާއެއްގައި ސިފައިންގެ 14 މީހުން މަރުވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ފުލުހުންގެ ތަރުޖަމާނު އަބްދުލް އާހިދް ވަލީޒާދާ ވިދާޅުވީ، ތާލިބާނުން އެ ހަމަލާ ދީފައިވަނީ މިދިޔަ އަންގާރަ ދުވަހު ރޭގެ ވަގުތެއްގައި ރޮބަޓް ސަންގީ ޑިސްޓްރިކްޓުގައި ގާއިމްކޮށްގައިވާ ސިފައިންގެ ޗެކް ޕޮއިންޓަކަށް ކަމަށާއި ތާލިބާނުންނާއި ސިފައިންގެ މެދުގައި ބަޑީގެ ހަމަލާތަކެއް ވެސް ބަދަލު ކުރި ކަމަށެވެ. އެ ހަމަލާގައި ތާލިބާނުންގެ ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް އަބްދުލް އާހިދް ވަލީޒާދާ ވިދާޅުވި އެވެ.

ޗެކްޕޮއިންޓަށް ދިން ހަމަލާގައި ޕްރޮޕެސެރަކު ވެސް ވަނީ އަވަހާރަވެފަ އެވެ. އަދި މަރުވި ޕްރޮޕެސެރާއެކު އެވަގުތު ތިބި ޔުނިވާސިޓީއެއްގެ ދެ ދަރިވަރަކު ވެސް ހަމަލާގައި ޒަހަމްވި އެވެ. ތާލިބާނުން މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހަމަލާ ދިންތަނާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޕާކިސްތާނަށް 1.3 ބިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވުމުން، ތާލިބާނުން ވަނީ ކައިރި ކައިރީގައި ހަމަލާތައް ދޭން ފަށާފަ އެވެ. ތާލިބާނުން އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ ގިނަ ބަޔަކު މަރުވެފަ އެވެ.