ހަބަރު

ޝަހީބު ވަކި ކުރުމުގެ މަސައްކަތް ދެން އޮންނަ ޖަލްސާއަކަށް

Aug 29, 2019
1

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމުން އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒޭނާ ވަކި ކުރުމުގެ މަސައްކަތް ދެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކުރިޔަށް ގެންދާނެ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ޒިންމާ އަދާ ކުރަން އިހުމާލުވި ކަމަށް ބުނެ ޝަހީބާއި ޒޭނާ ވަކި ކުރަން މިދިޔަ ޖޫން މަހު 19 ގައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމި އެވެ. އަދި އެ މަހު 25 ގައި ސަބް ކޮމިޓީއެއް ހަދައި އެ މައްސަލަ އިތުރަށް ބެލުމަށް ފަހު އެ ދެ މެންބަރުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލަ ކުރިޔަކަށް ނުދެ އެވެ.

އެ މައްސަލައަށް އިޝާރަތް ކުރައްވާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީން ނަން ފޮނުވައިގެން މީހުން ވަކި ކުރުމާބެހޭ ހާއްސަ އިޖުރާއަތްތަކެއް މަޖިލީހުގެ ގަވައިދުގައި ލިޔެފައި ނުވާ ކަމަށާއި އެހެންކަމުން މީހުން ވަކި ކުރުމާ ބެހޭ ގޮތުން ކުރިން ވެސް ފޮނުވާ އިޖުރާއަތަށް އަމަލު ކުރަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މަގާމުން މީހުން ވަކި ކުރުމަށް މަޖިލީހުގައި އަމަލު ކުރާ ގޮތަކީ އެ މިހެއްގެ ނަން ތަޅުމުގައި އިއްވުމަށް ފަހު އެ މައްސަލަ ކޮމިޓީއަށް ފޮނުވައި، އެ ކޮމިޓީ އިން ދިރާސާ ކުރުމަށް ފަހު އަނބުރާ ތަޅުމަށް ފޮނުވުމެވެ. އަދި ތަޅުމުގައި ބަހުސްކޮށް އެ މީހަކު ވަކި ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމަ އެވެ.

"މިފަހަރު ކޮމިޓީއަކުން މި އެދުނީ މީހަކު ވަކި ކުރަން. އެހެން ނޭދެވޭނެއޭ ގަވައިދަކު ބުނެފައި ނެތް. އެހެންވެ އަޅުގަނޑަށް ފެންނަ ގޮތުގައި އެގޮތަށް ވަކި ކުރަން ވެސް އެދެވިދާނެ. [ބްރޯޑްކޮމް މެންބަރުންގެ] މި މައްސަލަ ތަޅުމުގައި އިއްވުމަށް ފަހު އަލުން ކޮމިޓީއަށް ފޮނުވާނަން. އެއަަށް ފަހު އަލުން ދިރާސާކޮށް ތަޅުމަށް ފޮނުވައިގެން އެ މަސައްކަތް ކުރިޔަށް ގެންދާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ޝަހީބާއި ޒޭނާގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ދާނެ ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ ޖަލްސާއެއްގައި ތާވަލު ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުން ޝަހީބާއި ޒައިނާ ވަކިިކުރަން ކޮމިޓީން ނިންމާފައިވާ އިރު އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ. ކޮމިޝަނުން އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ އެ މެންބަރުންގެ މައްސަލަތައް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.