AVAS PHOTO ESSAY

ހަޔާތަށް ބިންދާލި މަރުގެ ރާޅު!

ގުރައިޝާ އާއި އޭނާގެ ފިރިމީހާ ޝިފާޒް ދަރިފުޅު އީރާ އާއެކު --

ދުވަސްތަކަކަށްފަހު އުމުރުން ފަސް އަހަރުގެ އީރާ ހުރީ ވަރަށް އުފާވެފަ އެވެ. ނަލަ ހެދިލައިގެން މިއަދު ހެނދުނު ގެއިން ނުކުތީ އޭނާގެ ބައްޕައާ ބައްދަލު ކޮށްލަަން މާލެ ދާށެވެ. ބައްޕަ ގާތަށް ދާއިރު އީރާގެ މަންމަ، ފާތުމަތު ގުރައިޝާ އާއި މަންމަ ފަރާތުން މާމަ އާއި ކާފަ ކާފައާއެކު ދެވޭތީ އީރާ ހުރީ ފޮޅިފަ އެވެ. މާލެ އަންނަނީ މިޑް ޓާމް ބްރޭކާ ދިމާކޮށް ބައްޕައާއެކު އުފާކޮށްލައި ހިތް ފުރެންދެން މަޖާ ކޮށްލާށެވެ. އެހެނެއް ނުވި އެވެ.

ވީ ހިތާމަވެރި ދުވަހަކަށެވެ. ހިނގީ ހިތްދަތި ހާދިސާއެކެވެ. ދަތުރުމަތީގައި ލޯންޗް ބަންޑުން ޖަހާލައި އީރާގެ ދެމައިން ވެސް މަރުވީ އެވެ. ކުޑަކުޑަ އީރާގެ ކާފަ އާއި މާމަ ވެސް ވަކިވެގެން ދިޔައީ އެވެ. އީރާގެ އާއިލާއާ އަވަށްޓެރިޔާ ވަކިވެގެން ދިޔަ ގޮތުން މުޅި ރާއްޖެ އޮތީ ހިތާމައިގަ އެވެ.

އީރާ

ދިހަ މީހުނާއެކު މިއަދު ހދ. ނޮޅިވަރަންފަރުން ހަނިމާދު ވައިގެ ބަނދަރަށް ދާން ތައްޔާރުވަމުން ދިޔައިރު އީރާގެ ކާފަ ހުސައިން އަބްދުﷲ ގެއިން ނުކުތީ އުފަލުން ހުރި ކާފަ ދަރިފުޅު އީރާއާ ސަމާސާ ކުރަމުން އުފާ ކޮށްދެމުންނެވެ. އޭނާގެ އަންހެނުން އަދި އީރާގެ މާމަ މަރިޔަމް މަނިކެ ވެސް ފަހަތުން ހިނގައިގަތެވެ. އީރާގެ މަންމަ، ގްރައިޝާ ކައިރީގައި ހުއްޓެވެ. މުޅީން ވެސް ދެކެވުނީ ދަތުރުގެ އުފާވެރި ވާހަކަ އެވެ. ދާން އޮތް މާލޭގެ ވާހަކަ އެވެ.

ހާދިސާގައި މަރުވި މީހުންގެ ޖަނާޒާއަށް ތައްޔާރު ވަނީ
ހުސައިން އަބްދުﷲ

މި އާއިލާ ދަތުރަށް ތައްޔާރުވި އިރު މާލޭގައި ހުރި އީރާގެ ބައްޕަ، ޝިފާޒުއާ ބައްދަލުވޭވޭތީ އެ ވާހަކަ ދެކެވުނެވެ. އަދި ކިޔަވައިދިނުމަށް މުޅި ހަޔާތް ހޭދަކޮށް އެކަމުގައި މިއަދާ ހަމައަށް ދެމިހުރި ހުސެއިން އަބްދުﷲ އަށް ވެސް ބިޒީ ޝެޑިއުލާ ދުރަށް ދެވި މާލޭގައި ހުރި ދަރިފުޅާއެކު އާއިލީ އުފަލުގައި ބައިވެރިވާން ހުރީ ވަރަށް ބޮޑަށް ކެތް މަދުވެފަ އެވެ. އަދި ދެފަރާތުން އާއިލާގެ އެހެން ގިނަ މީހުން ވެސް އުޅެނީ މާލޭގަ އެވެ. ހުސެއިން އަބްދުﷲގެ ދެމަފިރިން ވެސް އަދި އީރާގެ ދެމައިން ވެސް ތިބީ އަވާހާ މާލެ ދެވޭނެ ވަގުތަކަށް ބަލައިގެނެވެ.

މި ފޮޓޯގަނޑު

އީރާ އައި އޭނާގެ ބައްޕަ ޝިފާޒް

މި ފޮޓޯއަކީ އީރާ އާއި އޭނާގެ ބައްޕަ ޝިފާޒް މީގެ ކުރިން ނަގާފައިވާ އެ ދެބަފައިންގެ ސިގްނޭޗާ ޕޯސްއެކެވެ. މިހާރު ދެބަފައިން ބައްދަލު ނުވެ ދުވަސްވެފައިވާތީ ގްރައިޝާ އާއި އީރާގެ ދެމައިން މިއަދު މާލެއަށް ފުރަން އުޅުނު އިރު މާލެ ގޮސް އީރާއަށް ބައްޕަ ނުފެނި ދިޔަ ދުވަސްތަކަށް ވާވަރަށް ފޮޓޯ ނަގާނެކަން ދޭހާވަރަށް އުފަލުން އުޅުނެވެ. މި ފޮޓޯއަކީ މީގެ ކުރިން އީރާގެ މަންމަ ފޭސްބުކްގައި ވެސް ހިއްސާކޮށްފައިވާ ފޮޓޯގަނޑެކެވެ!

ގުރައިޝާ

ދަތުރު ހެދިއިރު ވެސް މޫސުން ގޯސް

އީރާގެ ކާފަ ދަތުރަށް ތައްޔާރުވެ ފޮއްޓަށް އެއްޗެހި އަޅައި ތައްޔާރުވަމުން ދިޔަ އިރުވެސް ނޮޅިވަރަންފަރަށް މޫސުން ގޯހެވެ. މިއަދު ހެނދުނު އެ ރަށަށް ކުރި ވިއްސާރައިގެ ސަބަބުން ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވި އެވެ. އަދި އެ ފެން ހިންދުމުގައި ރަށު މީހުން އުޅުނެވެ. އިރާގެ މަންމަ އާއި މާގެ ގޮވައިގެން ކާފަ ބަނދަރަށް ދިއީ މޫސުމާމެދު މާ ބޮޑު ވާހަކައެއް ނުދައްކަ އެވެ. އިތުރު ބަޔަކާއެކު ބަނދަރުގައި އޮތް 23 ފޫޓްގެ ލޯންޗަށް އެރި އިރުވެސް މޫސުމުގެ ވާހަކައެއް ނުދައްކަ އެވެ. ލޯންޗުގައި އޮތީ ވެސް އުފާވެރި ނިޔާމަ ދަތުރެއްގެ އުފާވެރި މާހައުލެކެވެ.

ހެނދުނު 11:30 ގައި "އައި ސްޕީޑް" ދަތުރު ފަށައި ފުލް ސްޕީޑްގައި ދުއްވައިގަނެ ހަނިމާދޫ ކަނޑުއޮޅިއާ ކައިރިން ލޯންޗު ބަންޑުން ޖަހާލައިފި އެވެ.

ދަތުރު ކުރި ލޯންޗު

"މި ދަތުރަށް ތައްޔާރުވީ އާއިލާ އެކުގައި، މާލޭގައި އެމީހުންގެ އެންމެންހެން ތިބޭތީ މިހެން ލިބޭ ޗުއްޓީތަކުގައި މާލެއަށް ދާނެ، ރަށުގައި އިތުރަށް އެއްވެސް މީހަކު ވަރަށް މަދުން ނޫނީ ނޫޅޭނެ،" މިވަގުތު ނޮޅިވަރަން ފަރުގައި ހުރި އީރާގެ އާއިލާގެ މެންބަރަކު ބުންޏެވެ.

ނޮޅިވަރަންފަރުން ހަނިމާދޫ އެއާޕޯޓަށް ދަތުރު ކުރި 10 މީހުންގެ ޖާގައިގެ ލޯންޗު ބަންޑުން ޖަހާލައި އެންމެން ކަނޑުވީ ހިނދުކޮޅެއްގެ ތެރޭގައި ކުއްލިއަކަށެވެ.

ލޯންޗު ބަންޑުން ޖަހާލުމުން ރާޅުތަކާއެކު އީރާގެ ކާފަ އާއި މާމަ އަދި އީރާގެ ދެމައިން ވަކިވެ ރާޅާއި ފުންކަނޑުގެ ބާނީގެ ތެރެއަށް ގެއްލި ވަކިވީ އެވެ. އެ ވަގުތުކޮޅު ބައްދަލުވިއިރު އެއިން އެއްވެސް މީހަކު ތިބީ ލައިފް ޖެކެޓް އަޅައިގެނެއް ނޫނެވެ. އެހެންވެ އެހީގެ އަތަކާ ހަަމަށް ދާނެ ވަގުތެއް ނުލިބުނެވެ. އުފަލާއެކު އާއިލާއާ ބައްދަލުވެ މަޖަލުގައި މިޑްޓާމް ޗުއްޓީ ހަދަން ކުރި ހުރިހާ އުންމީދަކާއެކު ކަނޑުގެ ރާޅުތަކާއި އޮޔާ ބެހިގެން ދިޔައީ އެވެ.

ގުރައިޝާގެ ކައިވެނީގެ ދުވަހު، އޭނާގެ މަންމަ އާއި ބައްޕަ އަދި ފިރިމީހާއާއެކު

ނޮޅިވަރަންފަރު، އަހިމާގެއިން ފުރަން ނުކުތް އުފާވެރި އާއިލާ ހިތާމެވެރި ގޮތަކަށް ވަކިވެގެން ދިޔައިރު އެ އާއިލާގެ އަވަށްޓެރިޔާ، ޖެހިގެން ހުރިގޭ އައިޝަތު އަލީ ވެސް އެ ހާދިސާގައި ކަނޑުވެ ވަކިވެގެން ދިޔައީ އެވެ.

ބަންޑުން ޖަހާލި ލޯންޗު ހަނިމާދޫ އެއްގަމަށް އަރުވަނީ

އީރާގެ ބައްޕަ، ޝިފާޒާ ހަމައަށް އައީ އުފަލުގައި އޮތް އާއިލާއެއް ނޫނެވެ، ހިތާމެވެރި ހަބަރެކެވެ. މި ހަބަރާއެކު އޭނާއަށް ވެސް ރޮވުނީ އެވެ. ނޮޅިވަރަންފަރު ވެސް ކަރުނައިގެ ތެރެެއަށް ގެނބުނީ އެވެ. މުޅި ރާއްޖެއަށް ވެސް ހިތް ދަތި ހިތާމައިގެ ދުވަހަކަށް ވެގެން ދިޔައީ އެވެ.