ވިޔަފާރި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

Aug 31, 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ އިޖުތިމާއީ ޒިންމާގެ މަޝްރޫއު ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

ބީއެމްއެލް "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ން ތިންވަނަ ބުރަށް ކުރިމަތިލާން ހުޅުވާލިއިރު، މީގެ ކުރިން ތިން ބުރެއްގެ މަތިން މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވެ އެވެ.

ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މިއަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އަށް އޮންނާނެ އެވެ.

އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލް ގެ ވެބްސައިޓުން ލިބޭނެ އެވެ.

މިއަހަރުގެ ކޮންމެ ކްއާޓާ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ދޭނެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ފުރަތަަމަ ބުރުގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލްގެ ގޮތުގައި ހިމެނުނީ ހދ. ނެއްލައިދޫ ގައި ކޮމިއުނިޓީ ޕާކެއް ހެދުމާއި ޅ. ނައިފަރު އަދި މ. ދިއްގަރުގެ ސްކޫލް ސަރަހައްދު ގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުން ކުރާނެ ތަނެއް ހެދުމާއި އދ. ދަގެނތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދިނުމުގެ އިތުރުން ދ. މާއެނބޫދޫ ސްކޫލުގެ ލައިބްރަރީ ތަރައްޤީ ކުރުމެވެ.

ދެހާސް އަށާރަ ވަނަ ހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.