ހަބަރު

ސަރުކާރުގައި އެމްޑީޕީ: ފްލެގްމޭން މަގުމަތިވެފައި!

އެމްޑީޕީއާއެކު ރައީސް މުހައްމަދު ނަޝީދަށް ލިބި ވަޑައިގެންނެވި ވެރިކަން ގެއްލި ޕާޓީ މަގުމަތިވި އެވެ. އެފަހަށް ވޭތުވެގެންދިޔަ ހަތް އަހަރުތެރޭ ކުރި މުޒާހަރާތަކާއި ދަތުރުތަކާއި ހިންގި ހަރަކާތްތަކުގައި ވަރުބަލިވުމެއް ނެތި އެ ޕާޓީގެ ބޮޑު ބިޔަ ދިދަ ވައިގެތެރޭގައި ވިހުރުވައި ދިނީ އަހުމަދު އަބުދުއް ސަމަދު ނުވަތަ އެމްޑީޕީގެ "ފްލެގް މޭން" އެވެ. އަލުން އެމްޑީޕީއަށް ވެރިކަން ލިބި އަހަރުވާން ދާއިރު، ޕާޓީ މަގުމަތިވެފައި އޮތް އިރު ޕާޓީ އުފުލައިދިން ފްލެގްމޭން އިނީ އަޅައިލާނެ މީހަކުނެތި މަގުމަތީގައި ބިކަވެފަ އެވެ. އެއާ ގުޅިގެން އެމްޑީޕީއަށާއި ލީޑަޝިޕަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރާއި އޭގެ ކުރީން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރި ގިނަ މުޒާހަރާތަކެއްގައި ފްލެގްމޭން ވަނީ އެމްޑީޕީގެ ބޮޑު ދިދަ ހޫރުވާއި އާދަޔާހިލާފު ހިތްވަރު ދައްކާފަ އެވެ. އެތަކެއް ފަހަރު އޭނާ ހައްޔަރުކުރި އެވެ. އެތައް ފަހަރަކު އޭނައަށް އަނިޔާވި އެވެ. އެތައް ރެެއަކު އޭނާގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހި އެވެ. އެތައް ފަހަރަކު އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައެެވެ. އެކަމަކު އެމްޑީޕީއަށް ގޮތެއް ފެނި ހަމަ އިސްކޮޅަށް ތެދުވެންދެން ޕާޓީގެ ދިދަ ހޫރުވައި ދިނީ އޭނާ އެވެ.

ބިޔަ ބޮޑު ރީނދޫ ލަޝްކަރަށް އެހީވި، ސަމަދަށް އަޅާލާނެ މީހަކުނެތެވެ. އޭނާ ގިނަ ވަގުތު މިހާރު ހޭދަ ކުރަމުން ދަނީ މާލޭގެ ލޯކަލް މާރުކޭޓު ކައިރީ ގޮނޑިއެއްގައި ޓައްޕަކަށް ދެ ފައިލައިގެނެވެ. އޭގެ އަސަރުހުރި ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައިވެސް އެނބުރެމުން އެބަ ދެއެވެ.

މާރުކޭޓް ކައިރީ އިންނަ ފްލޭގް މޭންގެ އެއްފައި ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އެ ފައިގައި އަޅާ ވޭނުގައި އޭނާ ލޮލުން ހިތާމައިގެ ކަރުނަ އާދެ އެވެ. އޭގެ ބައެއް ފޮޓޯތައް ވެސް އެބަ ދުވެ އެވެ.

ފްލޭގްމޭންގެ ބައެއް ފޮޓޯތައް ހިމެނޭ ގޮތައް ޓްވިޓާގައި މީހަކު ކުރި ޕޯސްޓަކަށް ޖެންޑާ މިނިސްޓްރީން ވަނީ ޖަވާބެއް ދީފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ "އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ" ކަމަށެވެ. އަދި ފަހުން "އޭނާ ހޯދިއްޖެ" ކަމަށް ވެސް ބުންޏެވެ.

ފްލެގްމޭނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅުވައި އެމްޑީޕީގެ ލީޑަޝިޕަށާއި އިސްވެރިންނަށް ވަރަށް ގިނަ ބައެއް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެމްޑީޕީއަށް ވެރިކަން ހޯދަައިދޭން "ގުރުބާންވި" ނިކަމެތިން މަތިން އެމްޑީޕީގެ ސަރުކާރުން މިހާރު ހަނދާން ނެތިފައިވާ ވާހަކަތައް ވަނީ ފެތުރިފަ އެވެ.

އެމްޑީޕީގެ އިސްވެރިންނަށް ފާޑުކިޔުން އަމާޒުވެފައިވާއިރު މިހާތަނަށް އެޕާޓީގެ އެއްވެސް އިސް ބޭފުޅަކު އެކަމާ ގުޅިގެން އެއްވެސް ބަހެއް ބުނެފައެއްނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ވެސް ދައްކާފައެއް ނުވެ އެވެ.