ހަބަރު

ވަގަށް ވެހިކަލް އެތެރެ ކުރި މައްސަލަ ތަހުގީގު ކުރަނީ

Aug 31, 2019
1

ދެ ކޮންޓެއިނަރެއްގައި ރާއްޖެއަށް ވަގަށް ވެހިކަލްތަކެއް އެތެރެ ކުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސްގެ ކޮމިޝަނާ ޖެނަރަލް އަހުމަދު ނުއުމާން ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ވަނީ ގެނެސްފަ އެވެ. އަދި އެއީ އެފަދަ ގޮތަކަށް އެތަކެތި ގެނައި ފުރަތަމަ ފަހަރު ނޫން ކަމަށާއި މިދިޔަ އެކަން ކުރާތާ އެތަށް ދުވަހެއް ވެފައިވާ ކަން ވަނީ ފެންމަތިވެފަ އެވެ.

އެކަމާ ގުޅިގެން ނުއޫމާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެހިކަލްތައް ވަގަށް ރާއްޖެއަށް އެތެރެ ކުރި މައްސަލާގައި ތަހުގީގެއް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލާގައި ނުބަލާ އެއްވެސް ކަމެއް ދޫކޮށް ނުލާނެ ކަމަށާއި ހުރިހާ މައުލޫމާތެއް ހާމަ ކުރާނެ ކަމަށް ވެސް ނުއޫމާން ވިދާޅުވި އެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ އެ އުޅަނދުތަކުގެ ސީއެންޑްއެފްގެ އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރާ ކަމަށާއި އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެ ފައިސާ ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ.

އެމްޕީއެލް އިން ބުނީ އެ ދެ ކޮންޓެއިނަރަކީ ވެސް އޭގައިހުރި މުދަލާއެކު ކޮންޓެއިނަރުތައް ހުރި ގޮތަށް އެތެރެކުރި ފަރާތުން ބޭނުންވާ ތަނަކަށް ގެންގޮސްގެން މުދާ ހުސްކުރާ ގޮތަށް ހަމަޖެހިފައިވާ ކޮންޓެއިނަރުތަކެއް ކަމަށެވެ. އެ ކޮންޓެއިނަރުތައް ދޫކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ މުދާ ދޫކުރުމުގައި އާންމުކޮށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.