ހަބަރު

ދިޓީވީގެ ލައިސަންސް ބާތިލު ކޮށްފި

Sep 2, 2019

ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އައި ދިޓީވީ ހިންގުން ހުއްޓާލާފައިވާތާ އަހަރުތަކެއް ފަހުން، ދިޓީވީ ހިންގަން ދޫކޮށްފައިވާ ލައިސަންސް ބާތިލު ކޮށްފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރަން ފެށި އަމިއްލަ ޓީވީ ސްޓޭޝަނަކީ ދިޓީވީއެވެ. ދެހާސް އަށް ވަނަ އަހަރުގެ ތެރޭގައި ޚިދުމަތުގެ ތެރެއަށް ނުކުތް ދިޓީވީގެ ހިދުމަތް ހުއްޓާލީ އޯގަސްޓް 10، 2016 އިގަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް މިހާރު ބާތިލު ކޮށްފައިވާ ކަމަށެވެ. ދިޓީވީ ހިންގަން ދޫކުރި ލައިސަންސް ބާތިލުކޮށްފައި ވަނީ މިދިއަ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު އެވެ.

ދިޓީވީގެ ލައިސަންސް ބާތިލް ކޮށްފައި ވަނީ އެ ލައިސަންސް ދޫކުރި، ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެދިގެނެވެ.

ދިޓީވީ ހިންގުމަށް ދޫކޮށްފައިވާ ލައިސަންސް ބާތިލް ކޮށްފައިވާއިރު، އެ ސްޓޭޝަން އަލުން ފަށަން އުޅޭކަމުގެ ވާހަކަތައް ވަރަށް ގަދައަށް ވަނީ ފެތުރިފަ އެވެ. އަދި އެ މަސައްކަތް ދިޓީވީގެ މަސްއޫލުވެރިޔާ، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ފައްޓަވާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

އަށް އަހަރުގެ ޚިދުމަތަށްފަހު، މޯލްޑިވްސް މީޑިއާ ކޮމްޕެނީ އާއި ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ދިޓީވީ އަދި ދި ޕްލަސް ހުއްޓާލަން އެ ދެ ކުންފުނިން ނިންމުމަށްފަހު އޭރު ބުނެފައިވަނީ އެ ނިންމުން ނިންމީ އޭރު ހާލަތު ހުރި ގޮތުން މޯލްޑިވްސް މީޑިއާ ކޮމްޕެނީއާއި ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގައި ޗެނަލްތައް ދެމެހެއްޓެނެވި ގޮތަކަށް ހިންގިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.