އެމެރިކާ

އެމެރިކާ ބައެއް ސިފައިން އަފްޣާނިސްތާނުން ގެންދަނީ

ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަން އެމެރިކާއިން އަފްޣާނިސްތާނަށް ފޮނުވާފައިވާ ގިނަ އަދަދެއްގެ ސިފައިން އަނބުރާ ގައުމަށް ގެންދަން ނިންމައިފި އެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ބައެއް އަނބުރާ ގައުމަށް ގެންދަން ނިންމީ، އެމެރިކާ އާއި އިރާން އަދި އަފްޣާނިސްތާނާއި ތާލިބާނުންގެ މަޝްވަރާތަކުގެ ތެރެއިންނެވެ. އެ މަޝްވަރާތަކުގެ ތެރެއިން ތާލިބާނުންގެ ފަރާތުން ބައިވެރިވި މީހަކު ބުނީ ހަމަލާތައް ދިނުން ހުއްޓާލީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންދާތީ ކަމަށެވެ.

މީގެ ކުރިން މަޝްވަރާތަކުގައި ތާލިބާނުން ބުނަމުން ދިޔައީ، އެމީހުން އަފްޣާނިސްތާން އަދި އެމެރިކާގެ ސިފައިންނަށް އަމާޒު ކޮށްގެން ދޭ ހަމަލާތަށއް ހުއްޓާ ނުލާނެ ކަމަށެވެ. އަދި އެމެރިކާ ސިފައިން އަފްޣާނިސްތާނު ތިބޭނަމަ އާންމުނަށް އަމާޒު ކޮށްގެން ވެސް ހަމަލާ ދޭނެ ކަމަށް ތާލިބާނުން ވަނީ ބުނެފަ އެވެ.

މަޝްވަރާތަކުގައި ތާލިބާނުންގެ ފަރާތުން އިސްކޮށް އުޅުނު ޒަލްމޭ ހާލިޒާދް ބުނީ، އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ފަށާނީ ތިން މަސް ފަހުން ކަމަށެވެ.

އެމެރިކާއިން އަފްޣާނިސްތާނުގައި ގާއިމް ކޮށްފައި ހުރި މިލިޓަރީ ބޭސްތަކުގެ ތެރެއިން ފަސް ތަނަކުން ސިފައިން ބާލާނެ ކަމަށެވެ. އެގޮތުން އެމެރިކާއިން އަނބުރާ ގެންދަނީ 5،600 ސިފައިން ކަމަށެވެ. އަދި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުކޮށް، 8500 ސިފައިން ހަތިޔާރާ ނުލައި ތިބޭނެ އެވެ.

އެމެރިކާއިން އަފްޣާނިސްތާން އަދި ޕާކިސްތާނުގެ ބޯޑަރު ކައިރީގައި ގާއިމްވެ ތިބެ ތާލިބާނުންނާ ދެކޮޅަށް 19 އަހަރު ވަންދެން ހަނގުރާމަކޮށް ބަލި ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.