ހަބަރު

ޔަޒީދު މަގާމް ގެއްލޭ ގޮތަށް ޓެކްސް ބިލު ފާސްކޮށްފި

Sep 3, 2019

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދު އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަަދު ފާސްކޮށްފި އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރު ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅި އިސްލާހު ފާސް ކުރަން ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން އެ ބިލު ފާސް ކުރަން ނިންމެވި އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުއްވި އިރު އެ ބިލު އޮތީ ޔަޒީދު ވަކި ކުރާ ގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވި ގޮތުގައި އެ އިސްލާހަކީ އިންކަމް ޓެކްސް ނެގުމުގެ ކުރިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމުގެ ބޭނުމުގައި ހުށަހެޅި ބިލެއް ކަމަށެވެ.

އެހެން ނަމަވެސް ކޮމިޓީގައި ބިލު ދިރާސާ ކުރުމަށް ފަހު ވަނީ ޔަޒީދުގެ މަގާމް ގެއްލޭ ގޮތަށް ބިލު ބަދަލުކޮށްފަ އެވެ. ކޮމިޓީން ބިލު ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގައި ވަނީ ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މީރާގެ ބޯޑު އަލުން އެކުލަވައިލަން ޖެހެނޭ އެވެ.

ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަދަލުތަކެއް ކޮމިޓީން ގެނައި އިރު، ދާދި ފަހުން ޔަޒީދު ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ އެމްއެމްޕީއާރްސީ ހިޔާނާތް ފޮރުވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު މުއާމަލާތްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ޔަޒީދު ވަނީ އެ ކަން ދޮގު ކުރައްވައިފަ އެވެ.