އާދަމް ޝަރީފު އުމަރު

"ސިއްރު ހިފަހައްޓާނަން، ހައްގު ބަސްވެސް ބުނާނަން"

ޕީޖީ ލީޑަރުންނަށް ރައްޔިތުންގެ މަޖިލީހުންކުރާ އިތުބާރު ދަމަހައްޓައިދީ ގައުމީ މަސްލަހަތު އިސް ކުރައްވާނެ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޝަރީފް މިހެން ވިދާޅުވީ ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި، ރިލްވާންގެ މަރާ ގުޅޭ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްވާ ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރުމަށް ފަހު، ސިއްރު މައުލޫމާތުތައް ހިމަނާފައި ހުރެގެން އަލުން ރިޕޯޓްތައް މަޖިލީހުގެ އިދާރާއިން އަތުލާފައި ވަނިކޮށެވެ.

އަދި ރިޕޯޓްގައި ހިމެނޭ ސިއްރު މައުލޫމާތުތައް، ޕީޖީ ލީޑަރުން ހިފަހައްޓާނެ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޝަރީފް ވިދާޅުވީ ޕޖީ ލީޑަރުންނަށް ރައްޔިތުންގެ މަޖިލީހުންކުރާ އިތުބާރު ދަމަހައްޓާނެ ކަމަށެވެ. އަދި ގައުމީ މަސްލަހަތު އިސް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީސްގެ ތަޅުމުގައި "ލައްޓިއަށް ގޮވާ ވަރަށް" އެއްޗެހި ގޮވި ނަމަވެސް ވިދާޅުވާން ޖެހޭ ބަސް ވިދާޅުވުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"ޕީޖީ ލީޑަރުންނަށް މަޖިލީހުން ކުރާ އިތުބާރު ދަމަހައްޓާނަން. ގައުމީ މަސްލަހަތު އިސް ކުރާނަން. މަޖިލިސް ފްލޯގައި 'ލައްޓިއަށް ގޮވާ ވަރަށް' އެއްޗެހި ގޮވިޔަސް ބުނަންޖެހޭ ބަސް ބުނާނަން." ޝަރީފު ވިދާޅުވި އެވެ.

ޕީޖީ ލީޑަރުންނަށް މަޖިލީހުން ކުރާ އިތުބާރު ދަމަހައްޓާނަން. ގައުމީ މަސްލަހަތު އިސް ކުރާނަން. މަޖިލިސް ފްލޯގައި 'ލައްޓިއަށް ގޮވާ ވަރަށް' އެއްޗެހި ގޮވިޔަސް ބުނަންޖެހޭ ބަސް ބުނާނަން
އާދަމް ޝަރީފް އުމަރު | ކޮންގްރެސް ޕާޓީ

ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި، އަހުމަދު ރިލްވާންގެ މަރާ ގުޅޭ ރިޕޯޓުގައިވާ ސިއްރުތައް ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ. ރިލްވާންގެ މަރުގެ ރިޕޯޓް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އެެރުވުމަށްފަހު ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް ހިފަހައްޓައި ދެއްވުމަށް ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ ރިޕޯޓްގައިވާ ހުރިހާ ކަމެއް މިހާރު ވަނީ އާންމުވެފަ އެވެ.