އަހުމަދު ރިލްވާން ރަހީނުކޮށް މަރާލަން ރޭވި މީހުން އަދިވެސް ހައްޔަރު ކޮށްފައި ނުވާތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިިޔާސީ ކޮމިޝަން އިން ރިލްވާންގެ މަރުގެ މައްސަލާގައި އެކުލަވާލާފައިވާ ރިޕޯޓަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ރިލްވާން ރަހީނު ކޮށްގެން އޭނާ ދޯންޏެއް މަތީގައި މަރާލި މީހުން މިވަގުތު ސީރިޔާއަށް ގޮސް މަރުވެފައި ވެދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ދުރާލައި ރާވާ އެކަމަށް ހަރަދުކޮށް ހިންގި މީހުން މިވަގުތު ވެސް މިނިވަންކަމާއެކު އުޅެމުންދާ ކަމަށާއި އެކަމާ ބިރު ގަންނަން ޖެހޭ ކަމަށެވެ.
"މިކަން ކުރި މީހުން އެބަ އެނގޭ، އެނގޭއިރު އެ މީހުންގެ ވިޔަފާރިތައް އަދިވެސް އެބަ ހިނގާ، އެ މީހުންގެ ފޮތި ފިހާރަތަކާއި އޮޑިދޯނި ފަހަރުތަކާއި ރެސްޓޯރަންޓުތައް އެބަ ހިނގާ،" އީވާ ވިދާޅުވި އެވެ. "އަޅުގަނޑު ހީކުރީ އެ ރިޕޯޓު ނެރުނު އިރު އޮންނަން ޖެހޭނީ އެ ބުނާ މީހުންގެ ޓެގު އެޅުވިފައި ނުރައްކަލަކަށް ނުވާ ވަރުވެފައިވާ ކަމަށް. އެ ހިސާބުގައި އޮންނަން ޖެހޭނީ. މި ބިރުވެތިކަމުން އަޅުގަނޑުމެން ސަލާމަތްވުން އެއީ ރިލްވާނަށް އަޅުގަނޑުމެންނަށް އިންސާފު ހޯދައިދެވޭނެ ގޮތަކީ،"
އީވާ ވިދާޅުވީ ރިލްވާން މަރާލި މީހުންނަށް ފާރަލައި ދިނީ ދިވެހި ފުލުހުން ކަމަށާއި ރިލްވާން މަރާލި މީހުން ސަލާމަތްވުމަށް ޕާސްޕޯޓުތައް ހައްދައި ދިނީ އިމިގްރޭޝަންގައި ތިބި ބައެއް ކަމަށެވެ. އަދި އެކަން ކުރަން ވެގެން ހަރަދު ކުރީ ރަށްތަކުގައި ތިބި ފައިސާ ވެރިންތަކެއް ކަމަށެވެ. އެހެންކަމުން ރިލްވާން މަރާލުމަކީ ދިވެހި ދައުލަތުން ރާވައިގެން ހިންގި ކަމެކޭ ނުބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
"އަނދިރީގައި އަޑީގައިވާ ބާރުގަދަ ދައުލަތެއް މިހާރު ދިވެހިރާއްޖޭގައި މި އޮތް ދައުލަތުގައި ވަކި ހިއްޕާލާފައިވާ ކަމާ ދޭތެރޭގައި ޝައްކު ކުރެވޭނޭ އިތުރު އެއްވެސް ޖާގައެއް ނެތް،" އީވާ ވިދާޅުވި އެވެ.
މުޅި ފުލުސް އޮފީހާއި އިންޓެލިޖަންސް ޑިޕާޓްމަންޓު ލުހެލައިގެން ނަމަވެސް މި ދައުލަތް ސަލާމަތް ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެނެސްގެންނާއި ފަނޑިޔާރުގެތަކަށް ބަދަލު ގެނެސްގެން ނަމަވެސް އެކަމުން ސަލާމަތް ވާން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.