ހަބަރު

ބާރުތައް ވަކިވެފައިވާ ނިޒާމު ނެތިގެން ހިނގައްޖެ: ޖަމީލް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލު ކުރުމާއި ގުޅިގެން ގާނޫނު އަސާސީން ގާއިމް ކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ގޮސްފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ތަސްދީގު ކުރައްވާފަ އެވެ. އެ ބިލްގައިވާ ގޮތުން ޖޭއެސްސީގެ ދަށުން ޑީޖޭއޭ ގެ ނަމުގައި އާ އިދާރާއެއް އުފައްދައި، މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އުވޭނެ އެވެ. އަދި އެ އިދާރާގެ އެންމެ އިސް ފަރާތުގެ ގޮތުގައި ޗީފް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރަން ޖެހޭނެ އެވެ.

ބިލް ތަސްދީގު ކުުރުމާއެކު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ވަނީ ގެއްލިފަ އެވެ.

ކުރިން ޖަސްޓިސް މިނިސްޓަރު ކަމާއި، އިސް ގާޒީކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވީ ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލު ވެގެންދާ ގޮތަށް ގާނޫނު ފާސް ކޮށް، ތަސްދީގު ކުރުން ކުށްވެރި ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ޖުޑިޝަރީގެ މިނިވަން ކަމަށް ހުރަސް އެޅި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށާއި އެ ނިންމުމާއެކު ގާނޫނުއަސާސީގެ ހަތް ވަނަ މާއްދާއިން ގާއިމް ކޮށްދީފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ ކަމަށެވެ.

"ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލު ވެގެން ދާ ގޮތަށް ގާނޫނު ފާސްކޮށް، ތަސްދީގު ކުރުން ކުށްވެރި ކުރަން. މިއީ ޖުޑިޝަރީގެ މިނިވަން ކަމަށް ހުރަސް އެޅޭ، ނުފޫޒު ފޯރުވުމުގެ އަމަލެއް. މީގެ ސަބަބުން ގާނޫނުއަސާސީގެ ހަތް ވަނަ މާއްދާއިން ގާއިމްކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ.

ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލު ވެގެން ދާ ގޮތަށް ގާނޫނު ފާސްކޮށް، ތަސްދީގު ކުރުން ކުށްވެރިކުރަން. މިއީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއެޅި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް. މީގެ ސަބަބުން ގާނޫނުއަސާސީގެ ހަތް ވަނަ މާއްދާއިން ގާއިމްކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ.
ޑރ މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

ޖޭއެސްސީ އެކުލެވިގެން ވަނީ ސިޔާސީ ބޭފުޅުންތަކެއް ވެސް ހިމެނޭ ގޮތަށް ކަމަށްވާއިރު ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދިއުމަކީ ޝަރުއީ ނިޒާމު ސިޔާސީ ކޮށްލުމުގެ ފަހު ފިޔަވަޅު ކަމަށް ކުރިން ވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ. އަދި އެފަދަ ފިޔަވަޅެއްގެ ސަބަބުން ޑީޖޭއޭގެ މިނިވަން ކަމާއި މުސްތަގިއްލުކަން ގެއްލި ޖުޑިޝަރީ އިސްލާހު ކުރަން ކުރާ މަސައްކަތަށް ގޮންޖެހުން އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖުޑިޝަރީ އިސްލާހު ކުރަން ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުށަހަޅާ ކަންކަމަށް ޖަމީލު ވަނީ މީގެ ކުރިން ވެސް ފާޑުވިދާޅުވެފަ އެވެ.