ހަބަރު

ތަހުގީގު ކުރަނީ ފަނޑިޔާރު ހަސަންގެ ރިލްވާންއާ ގުޅޭ މައްސަަލަ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ ގޮތުން ބަލަން ފަށާފައިވަނީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲއާ ގުޅޭ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މައްސަލަ ބަލަން ނިންމާފައިވަނީ ޖޭއެސްސީއިން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. ޖޭއެސްސީއިން ބުނީ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ ގޮތުން ބަލަން ނިންމި މައްސަލައަކީ އެ ކޮމިޝަނަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނުން ދެއްވި ބަޔާނަކާ ގުޅިގެން ބަލަން ނިންމި މައްސަލައެއް ކަމަށެވެ.

ރިޔާސީ ކޮމިޝަނުން އާންމުކޮށްފައިވާ ރިލްވާން މައްސަލާގެ ތަހުގީގުގެ ހުލާސާ ރިޕޯޓްގައިވާ ގޮތުން ރިލްވާން ގެއްލުވާލައި އޭނާ މަރާލުމަށްފަހު އޭނާ ސީރިއާއަށް ފުރައިގެން ދިޔަކަން ބަޔަކު މަސައްކަތްކޮށްފައިވެ އެވެ. އަދި އެކަމަށް ދައުލަތުގެ މުއައްސަސާތަކުން ބައެއް ބޭފުޅުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެ ބަޔަކު އުޅުނީ ރިލްވާން ސީރިއާއަށް ގޮސް ހަނގުރާމާގައި މަރުވީ ކަމަށް ދައްކުވާށެވެ.

އޭރު ހަސަން އަލީ ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގަ އެވެ. ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ރިލްވާންގެ ޕާސްޕޯޓެއް ހެދުމަށް ހަސަން އަލީ ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކަށް އިރުޝާދު ދެއްވާފައިވެ އެވެ. އޭނާ ފުލުހަށް ދީފައިވާ ބަޔާނާ ހަވާލާދީ، ކޮމިޝަންގެ ރިޕޯޓްގައިވާ ގޮތުން ދެ ފުލުހަކު ހަސަން އަލީއާ ބައްދަލުކުރީ ރިލްވާންގެ މައްސަލަ ނިމެން އެބަ ޖެހޭ ކަމަށް ބުނެ އެވެ.

ރިލްވާންގެ ޕާސްޕޯޓެއް ހަދައި، އޭނާ ބޭރަށް ދިޔަ ކަމަށް ދައްކައި އެންޑީޓީވީ ފަދަ ޗެނަލަކުން ރިލްވާން މަރުވި ކަމުގެ ހަބަރު ގެނެވިދާނެ ކަމަށް އެ ދެ ފުލުހުން ބުނި ކަމަށް ބަޔާނާ ހަވާލާދީ ރިޕޯޓްގައިވެ އެވެ. އެ ދެ ފުލުހުން އެކަމުގައި އުޅުނީ "ވެރިޔާ" ބުނެގެންނެވެ. ނަމަވެސް އެ ވެރިޔާގެ މައުލޫމާތެއް ކޮމިޝަނަށް ނުހޯދުނެވެ.

ރިޕޯޓްގައިވާ ގޮތުން ރަސްމީ ލިޔުން ދީގެން ނޫނީ ޕާސްޕޯޓް ނުހެދޭނެ ކަމަށް އެންގުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ދެ ފުލުހުން ބުންޏެވެ. އެހެންވެ ރިލްވާންގެ އަސްލު ޕާސްޕޯޓްއާ އެއްގޮތަށް އެހެން އެއްޗެއް ހެދިދާނެ ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށްވެ އެވެ. އެ ހިޔާލަކީ ރަނގަޅު ހިޔާލެއް ކަމަށް ދެ ފުލުހުން ބުނެފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ފަނޑިޔާރު ހަސަން އަލީއަކީ މިދިޔަ ސަރުކާރުގައި ސިޔާސީ މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އޭނާ ފަނޑިޔާރު ކަމުގެ މަގާމަށް ވަޑައިގެންނެވީ ވެސް ސިޔާސީ މަގާމެއް ދޫކޮށްލެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މީގެކުރިން ވެސް ޖޭއެސްސީއިން ވަނީ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ނިންމައި އެކަމަށް ކޮމެޓީއެއް އެކުލަވާލާފަ އެވެ. ހަސަން އަލީގެ އާ މައްސަލަ ވެސް ބަލަން ފޮނުވީ ހަމަ އެ ކޮމެޓީއަށެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅުގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ.

ފަނޑިޔާރު ހަސަން އަލީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މިފަހުން އެމްޑީޕީގެ ޕީޖީ ލީޑަރު އާދަމް އާޒިމް ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އޭނާ މަގާމުގައި ހުރުމަކީ ލަދުވެތި ކަމެއް ކަމަށް ވެސް އާޒިމް ސިފަ ކުރައްވާފައިވެ އެވެ.

ރިލްވާން މަރާލި މައްސަލާގެ ތަހުގީގު ކުރިއަށްދާއިރު އެ ތަހުގީގުގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމުގެ މަސައްކަތްތައް މިހާރު ޕީޖީ އޮފީހުން ކޮމިޝަނާއެކު ދަނީ ކުރަމުންނެވެ. އެ މައްސަލާގައި މިހާތަނަށް 15 މީހެއްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފަ އެވެ.