ހަބަރު

ވަކީލުން ހުއްދައަށް އެދެން ހުޅުވާލާނީ ގަވައިދު ހެދުމަށްފަހު: ބާ ކައުންސިލް

Sep 5, 2019

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ގަވާއިދު ހެދުމަށްފަހު ވަކީލު ކަމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވަކީލުންގެ ކަންކަން ބަލަހައްޓަން އަލަށް އުފަންވި ބާ ކައުންސިިލުން ބުނެފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނު ތަސްދީގު ކުރުމާ އެކު ވަކީލުން ރެގިއުލޭޓް ކުރަން ބާ ކައުންސިލެއް އުފެދި، ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ހުރިހާ ކަމެއް އެ ކައުންސިލްގެ ދަށަށް ވަނީ ބަދަލުވެފަ އެވެ.

އެ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމާގުޅޭ ގޮތުން އެކި ފަރާތްތަކުން މުއާމަލާތުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބުކުރެވި، ގާނޫނީ ވަކީލުކަމުގެ ހުއްދަދޫކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހިމެނޭ ގޮތުން، ބާ ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާގުޅޭ މަސައްކަތްތައް ކުރަމުންދާކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"އަދި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި އިއުލާންކުރުމަށްފަހު، ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެ،" ބާ ކައުންސިލުން ކުރި އިއުލާނުގައި އިތުރަށް ބުންޏެވެ.

ބާ ކައުންސިލްގެ ބިލު ގާނޫނަކަށް ބަދަލުވުމާއެކު، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް ބަލައި ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރާނީ ބާ ކައުންސިލް އިންނެވެ.

ބާ ކައުންސިލްގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ބަންޑާރަ ނައިބާއި، ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރަށް މެންބަރުންގެ ގޮތުގައި ތިބޭ ހަ ވަކީލުންނެވެ.