ހަބަރު

ސުޕްރީމް ކޯޓަށް މަހާޒު އައްޔަންކުރަން ރައީސް ލަފާއަކަށް އެދިއްޖެ

Sep 5, 2019
3

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑްރަގު ކޯޓުގެ ގާޒީ، މަހާޒު އަލީ ޒާހިރު އައްޔަންކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް، މަހާޒުގެ ނަން ޖޭއެސްސީއަށް މިއަދު ފޮނުއްވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިއަދު އެވެ. ޖޭއެސްސީއިން ހުޅުވާލީ ސުޕްރީމް ކޯޓުގެ ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީ އެވެ.

އެ މަގާމަށް ހުޅުވާލި ފުރުސަތުގައި އަމިއްލައަށް ވެސް ބޭފުޅުންތަކެއް ކުރިމަތިލެއްވި އެވެ. ނަމަވެސް އެ ބޭފުޅުންގެ މައުލޫމާތެއް އަދި ޖޭއެސްސީއިން ހާމައެއް ނުކުރެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ނިހާޔަތު ވަނީ ކުރިމަތިލައްވާފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ޖޭއެސްސީއިން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ދެ ބޭފުޅެއްގެ ނަމަށް ރުހުން ދިނީ ރައީސް ސޯލިހު ފޮނުއްވި ނަންތަކަށެވެ. އެއީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫނެވެ. އެ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުންދީ، މިހާރު ވަނީ މަގާމަށް ވެސް އައްޔަންކޮށްފަ އެވެ.

ޖޭއެސްސީއިން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަން ކުރަން އެ ކޮމިޝަނަށް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާނެ ކަމަށެވެ. ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތް އޮންނަނީ އެގޮތަށެވެ. ފަނޑިޔާރު ކަމަށް އެމީހަކު އައްޔަން ކުރެވޭނީ ރައީސް ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށްފި ނަމަ އެވެ.