ވިޔަފާރި

ޓެންޑަ ބޯޑުން ނިމުމާއެކު މަޝްރޫއުގެ މައުލޫމާތު އާއްމު ކުރަނީ

Sep 6, 2019

ނޭޝަނަލް ޓެންޑަ ބޯޑުން ނިމުމާއެކު މަޝްރޫއުތަކުގެ މައުލޫމާތުތައް، ހަވާލުކުރި އަދަދާއެކު، އާއްމު ކުރަން ފިނޭންސް މިނިސްޓްރީ ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން ވިދާޅުވީ ނޭޝަނަލް ޓެންޑަ ބޯޑުން ޕްރޮޖެކްޓް އެވޯޑު ކުރުމާއެކު، މަޝްރޫއުގެ މައުލޫމާތު ހާމަ ކުރަން ނިންމީ ވީހާވެސް ބޮަޑަށް މައުލޫމާތު އާއްމު ކުރުމުގެ ސިޔާސަތެއްގެ ދަށުން ކަމަށެވެ.

"ސަރުކާރުން ދެ ފުށް ފެންނަ ގޮތަކަށް މައުލޫމާތު ހާމަ ކުރުމުގެ ސިޔާސަތުގެ ދަށުން މިގޮތަށް ނިންމީ. މާލިއްޔަތު ގަވާއިދު ބުނާ ގޮތުން 2.5 މިލިއަނުން މަތީގެ މަޝްރޫއުތައް ދާނީ ޓެންޑާ ބޯޑަށް. މިހާރު ޓެންޑަ ބޯޑުން ނިމުމުން އެ މައުލޫމާތު ހާމަ ކުރާނެ" ޝަނޫން ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު އާއްމުކޮށްފައިވާ "އެވޯޑެޑް ޕްރޮޖެކްޓް" ލިސްޓުގައި ސަރުކާރުގެ ވުޒާރާ ތަކުން ހިންގަން ހުޅުވާލާފައިވާ 68 މަޝްރޫއެއް ހަވާލުކުރި ކުންފުންޏާއި ހަވާލު ކޮށްފައިވާ އަދަދު ހިމެނެ އެވެ. މިއީ ގޮތަށް މަޝްރޫއުތަށް ހަވާލު ކުރާ ކުންފުނިތަކުގެ ލިސްޓު ހާމަކުރާ ފުރަތަމަ ފަހަރެވެ.