ވިޔަފާރި

ސަރުކާރު ކުންފުނިތައް މާލީ ގޮތުން "ހިނިތުންވެލައިފި"

މީގެ ދެ އަހަރެއް ކުރިން އެމްޓީސީސީއަކީ އެންމެ ބޮޑު ގެއްލުމެއް އޮތް ކުންފުންޏެވެ. އަދި ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީއަކީ އަބަދުވެސް ގެއްލުން ވާ ކުންފުންޏެކެވެ. ނަމަވެސް މިހާރު އެއީ މާޒީ އެވެ. މިހާރުގެ މަންޒަރު ބަދަލުވެއްޖެ އެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު ސަރުކާރު ކުންފުނިތަކުގެ ހިސާބުތަކުން ދައްކަނީ ތިޔާގިކޮށެވެ. ކުންފުނިތައް މި ވަނީ މާލީގޮތުން "ހިނިތުންވެލާފަ" އެވެ.

"އެމްޓީސީސީއަށް ކުރިން އޮތީ އަޅާނުލާ. ނަމަވެސް ސަރުކާރުން އައިސް ކުންފުންޏަށް އަޅާލައި ޕްރޮޖެކްޓްތައް ދޭން ފެށުމުން މި ފައިދާ ދައްކަނީ،" އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުރައްޒާގު ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 41.5 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ދެވަނަ ތިން މަހު މި އަދަދު މިވަނީ 45.8 ޕަސެންޓަށް މައްޗަށް ޖެހިލާފަ އެވެ.

ރާއްޖެއަށް ތެލާއި ކާޑު އެތެރެކުރާ އެސްޓީއޯ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިން މަހު) ލިބިފައިވަނީ 77.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް ނިމިދިޔަ ދެވަނަ ކުއާޓަރުގައި މި އަދަދު މިވަނީ 88 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މީގެ ސަބަބެއް ކަމަށް އެ ކުންފުނި ބުނަނީ ހިންގުމަށް ގެންނަމުންދާ ބަދަލެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ފައިދާ އިތުރުވި އެއް ސަބަބަކީ ކުންފުނީގެ ހިންގުމަށް ގެނެވުނު ބަދަލާއި ހަރަދު ކުޑަ ކުރުން ކަމަށެވެ.

"މިދިޔަ އަހަރަކީ ވެސް ފައިދާ ބޮޑު އަހަރެއް. މި އަހަރު ވެސް ރަނގަޅު ފައިދާއެއް ލިބޭނެ. މިދިޔަ އަހަރަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށް އަހަރެއް. އެހެންވެ އެންމެ ބޮޑު އަހަރު ނިމުނުއިރު ބޮޑު ފައިދާއެއް ލިބުނީ. މި އަހަރު ވެސް އެވަރާ ގާތްކުރާ އަދަދަކަށް ފައިދާ ލިބޭނެ،" ޝަހީރު ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކަށް ބަލާއިރު އެންމެ ހާލުގައި އޮތް ކުންފުންޏަކީ ހަމަ ގައިމު ވެސް ޓޫރިޒަމް ކުންފުނި އެމްޓީޑީސީ އެވެ. ގިނަ އަދަދެއްގެ ރަށްތަކެއް ބޮލުގައި އަޅައިގެން ނުހެދި އޮތް އެމްޓީޑީސީއަށް ކުރިން ވަމުން ދިޔައީ ގެއްލުމެވެ. ނަމަވެސް މިހާރު އެ ކުންފުންޏަށް ވެސް ވަނީ ފައިދާވާން ފަށާފަ އެވެ. ނަމަވެސް އެމްޓީޑީސީގެ ފައިދާ ވަރަށް ދަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ އެންމެ 15 މިލިއަން ރުފިޔާގެ ފައިދާ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި މި ފައިދާ ވަނީ 16.9 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ޓޫރިޒަމް ކުންފުނީގެ އިތުރުން ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ދިރާގަށް މި އަހަރުގެ ފުރަތަމަ 185.5 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ނިމިދިޔަ ދެވަނަ ކުއާޓަރުގައި މި އަދަދު މިވަނީ 181.9 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މީގެ ސަބަބަކީ ޓޫރިޒަމްގެ އޮފް ސީޒަނާ ދިމާކޮށް އިންޓަނޭޝަނަލް ރޯމިން އިން ކުންފުންޏަށް ލިބޭ އާމްދަނީ ދަށަށް ދިއުމެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަނެއް ކުންފުންޏަކީ ގައުމީ ބޭންކެވެ. އާ އުފެއްދުންތައް "ފުލުފުލުގައި" ނެރެމުންދާ ގައުމީ ބޭންކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ދެވަނަ ކުއާޓަރުގައި މި އަދަދު މިވަނީ 115 މިލިއަން ރުފިޔާއަށް އިތުރުވެ "ހިނިތުންވެލާފަ" އެވެ.