އޮފްބީޓް

ތިން އަހަރު ކުއްޖެއްގެ ކެރޭކަން ފެނި ގިނަ ބަޔަކު ހައިރާންވެއްޖެ

ކްރޮއޭޝިއާގެ ރަށެއްގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަ ކުރަން ގޮސް ހުރި ތިން އަހަރުގެ މައިލާ އެންޑަސަން ވަރަށް ބޮޑަށް ބަނޑުހައިވެގެން މައިންބަފައިން ކައިރީގައި އެ ވާހަކަ ބުންޏެވެ؛ ނަމަވެސް އެ ދުވަހަށް މައިލާއަށް ބޭނުންވާ ކިރު މައިންބަފައިން ހަނދާން ނެތިގެން ޕެކްކޮށްގެން ގެނެވިފައެއް ނެތެވެ.

އެހެނަވެ ބަނޑުހައިވެފައިވާ ކުޑަ އަންހެންކުއްޖާ އަމިއްލައަށް އެ މައްސަލަ ހައްލު ކުރަން ނިންމި އެވެ. އަދި ޕޫލު ކައިރިން ލާފައި ހިނގަފައި ގޮސް އެއްފަރާތުގައި ހުރި ބާ އަކަށް ވަދެ ބޮޑު ކިރުތައްޓަކަށް އޯޑަރު ދިނެވެ.

މައިލާގެ ބައްޕަ ބެން އެންޑަސަން ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯގައި ފެންނަނީ މައިލާ އެކަނިމާއެކަނި ގޮސް ބާ ގައި ހުރި ގޮނޑިއެއްގައި އިށީނދެ ކިރުތައްޓަކަށް އޯޑަރު ދޭ ތަނެވެ. އަދި ކިރު ތަށި ލިބެންދެން އިންތިޒާރުގައި އިން މައިލާ އިނީ މައިންބަފައިންގެ ފަރުވާ ކުޑަކަމުން ވަރަށް ހިތްހަމަނުޖެހިފަ އެވެ.

"އަހަރެންގެ ދަރިފުޅަކީ އާދަޔާޚިލާފު ކުއްޖެއް. އަހަރެމެނަށް ބޭބީ ދަބަހަށް ކިރު ޕެކެޓް ނުލެވޭ ވާހަކަ ބުނީމަ އޭނަ ދިޔަ ގޮތަށް ގޮސް ބާއަށް ވަދެ ކިރު ތައްޓަކަށް އޯޑަރު ދިނީ،" ބެން ބުންޏެވެ.

މައިލާގެ ބައްޕަ ބުނި ގޮތުގައި އެންމެ ފުރަތަމަ މައިލާ އޯޑަރު ދިނީ ކިރުފުޅިއަކަށެވެ. ނަމަވެސް އެތަނުން ކިރުފުޅި ނުވިއްކާ ކަމަށް ބުނުމުން ވަރަށް ބޮޑު ކިރުތައްޓެއް ގެނެސްދޭން އެދުނީ އެވެ. އެތަނަކީ އާއްމުކޮށް ކިރުތަށި ވިއްކަން ހުންނަ ތަނަކަށް ނުވިޔަސް އެހާ ކުޑަ ކުއްޖަކު ގޮސް އެދުނީމަ މައިލާއަށް ކިރުތައްޓެއް ގެނެސްދޭން ވެއިޓަރުން ނިންމި އެވެ.

މި ވީޑިއޯ ޔޫޓިއުބަށް ލުމުން މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލާފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު މައިލާ އަމިއްލަ ނަފްސަށްކުރާ އިތުބާރާއި ކެރުމަށް ތައުރީފުކޮށް ކޮމެންޓްތައް ކޮށްފައި ވެއެވެ. އަދި ޑެއިލީ މެއިލްގައި ލިޔުނު ހަބަރު ގިނަ ބަޔަކު ކިޔާފައި ވެއެވެ.