ވިޔަފާރި

ސްޓާޓް ބެޓަރި ރާއްޖެއަށް ތައާރަފުކޮށްފި

Sep 6, 2019

ޔޫރަޕްގެ މަޝްހޫރު ސްޓާޓް ބްރޭންޑްގެ ބެޓަރީ ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މެރިން ޕަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށް ވިއްކާ، މި ބެޓަރީ ރަސްމީކޮށް ތައާރަފުކޮށް ދެއްވީ، ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭ ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ.

ސްޓާޓް ބްރޭންޑްގެ ބެޓަރީގެ ވައްތަރުތަކުގެ ތެރޭގައި، އޮޑި ދޯނިފަހަރާއި ލޯންޗް ފަހަރާއި އާގުބޯޓާއި އެހެނިހެން ކަނޑު އުޅަނދުފަހަރާއި ކާރާއި ޕިކަޕާއި ލޮރީ ބަހުގެ އިތުރުން އެއްގަމުގައި އިލެކްޓިކް ވެހިކަލާއި ހެވީ ވެހިކަލާއި އަސްކަރިއްޔާގެ ހާއްސަ އުޅަނދު ފަހަރަށް ހާއްސަ ބެޓަރީ ހިމެނެ އެވެ.

ސްޓާޓް ބެޓަރީ އުފައްދާ ބަލްގޭރިއާގެ މޮންބަޓް ގްރޫޕްގެ ސޭލްސް މެނޭޖަރު ލަޒާ ސްޓޮއިޗެފް ވިދާޅުވީ އެ ކުންފުނީގެ މި ބެޓަރީއަކީ ޔޫރަޕްގެ މިންގަނޑުތަކަށް ފެތޭގޮތަށް އުފައްދާފައިވާ މޮޅު ބެޓަރީއެއް ކަމަށާއި ރާއްޖެ ފަދަ ހޫނު ގަދަ ގައުމުތަކަށް ހާއްސަ ކޮށްގެން އުފައްދާފައިވާ ބެޓަރީއެއް ކަމަށެވެ.

ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ މި ބެޓަރީއަކީ ރާއްޖެ ފަދަ ހޫނު ގަދަ މާހައުލުތަކަށް ހާއްސަކޮށްގެން "ޓްރޮޕިކަލައިޒްޑް" ކުރެވިފައިވާ ބެޓަރީއެކެވެ. އަދި އާންމު ހާލަތްތަކުގައި ނުގޮވާ ގޮތަށް "ފްލޭމް އެރެސްޓާސް" ހަރުކުރެވިފައިވާ ބެޓަރީ އެކެވެ. މި ބެޓަރީގައި ބޭނުންކޮށްފައިވާ ފަހުގެ ޓެކްނޮލޮޖީއެއް ކަމުގައިވާ "ލިބަރެންތު ސިސްޓަމު" ގެ ސަބަބުން ބެޓަރީގެ އެތެރޭގައި ފެނާއި ގޭސް ބަރާބަރަށް ދައުރުވެ، ބެޓަރީގައި ހުންނަ ދިޔަ އާތްވަށް ބަދަލުވުން މަދުކޮށްދެ އެވެ. އަދި މި ނިޒާމުގެ ސަބަބުން ބެޓަރީގައި ހިމެނޭ އިލެކްޓްރޯލައިޓް ލީކުވުން ހުއްޓުވަ އެވެ.

މި ބެޓަރީ އުފައްދާފައިވަނީ ކަނޑު ގަދަ ވިޔަސް، އަޑިގުޑަން ތަންތަނުގައި ދުއްވިޔަސް ލޮޅުންތަކާއި ތެޅުންތައް މައިތިރި ކުރެވި ބެޓަރީގެ އެތެރޭގެ ނިޒާމަށް ލިބޭ ގެއްލުން ކުޑަކުރެވޭ ގޮތަށެވެ. އޭގެ ސަބަބުން ބެޓަރީ ބޭނުންކުރެވޭ އުމުރު ދިގުވެ އެވެ.

ރާއްޖޭގައި މި ބެޓަރީ މާކެޓްކުރާ މެރިން ޕަވާ މޯލްޑިވްސްގެ ޑިރެކްޓަރު ހަސަން އާދިލް ވިދާޅުވި ގޮތުގައި މި ބެޓަރީއަކީ ޔޫރަޕުން ރާއްޖެއަށް އެތެރެކޮށް ބޮޑު ސްކޭލެއްގައި ވިއްކާ ފުރަތަމަ ބެޓަރީ އެވެ.

"މިއީ ޔޫރަޕްގެ ޓެކްނޮލޮޖީއާއި މިންގަނޑުތަކަށް ޔޫރަޕްގައި އުފައްދާ ބެޓަރީއެއް. އެތެރެ ވެސް މިކުރަނީ ސީދާ ޔޫރަޕުން،" އާދިލް ވިދާޅުވި އެވެ. "މި މޮޅު ބެޓަރީ އަޅުގަނޑުމެން މި ވިއްކަނީ ވެސް އަތްފޯރާ ފަށުގައި. ބާޒާރުގައި ހުރި އެހެން ބެޓަރީތަކަށް ވުރެ އަގުބޮޑެއް ނުވާނެ."

ބަލްގޭރިޔާގެ މޮންބަޓް ކުންފުނިން އުފައްދާ މި ބެޓަރީއަކީ ޔޫރަޕްގެ މިންގަނޑުތަކަށް ފެތޭ ގޮތަށް އުފައްދާ ބެޓަރީއެކެވެ. ފަސްދޮޅަހަށް ވުރެ ގިނަ އަހަރު ވެފައިވާ މޮންބަޓް ކުންފުނިން 400 އަށް ވުރެ ގިނަ އެކި ވައްތަރުގެ ބެޓަރީ އުފައްދައި، 70 އަށް ވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރެ އެވެ.

މެރިން ޕަވާ މޯލްޑިވްސް އަކީ ކޯލާ ބްރޭންޑްގެ މެރިން ޖަނަރޭޓަރާއި ޖަޕާނުގެ މިޓްސުބުޝީ މެރިން އިންޖީނުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އަދި ސްޓަޓް ބެޓަރީ އުފައްދާ ބަލްގޭރިއާ މޮންބަޓް ގްރޫޕްގެ ރާއްޖޭގެ އެޖެންޓަކީ ވެސް މެރިން ޕަވާ މޯލްޑިވްސް އެވެ. މި ކުންފުނި ހިންގާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.