ޕޮލިޓިކްސް

ޖަމީލަށް، ޔޫތު މިނިސްޓަރު ފާޑުވިދާޅުވެއްޖެ

ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުން ގޮތް ހުސްވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވުމުން، މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ޓްވިޓާގައި ޓްވިޓާގައި ޖަމީލަށް ފާޑުވިދާޅުވެއްޖެ އެވެ.

ބަދަލާ ގުޅޭ ގޮތުން ޖަމީލް ވާހަކަ ދެއްކެވީ ސަރުކާރު ޒިންމާދާރުކޮށް ޕީޕީއެމްގެ ތާއީދު އިތުރު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އަރިއަތޮޅަށް އިއްޔެ ފެއްޓެވި ދަތުރަށް އަރާ ވަޑައިގަންނަވަމުން ނޫސްވެރިންނާ ބައްދަލު ކުރައްވަ އެވެ.

ޖަމީލްގެ އެ ވާހަކަތަކާއި ގުޅޭގޮތުން މިހާރުގެ ޔޫތު މިނިސްޓަރު ވިދާޅުވީ "ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކަށް، މަޖިލީސް އިންތިހާބެއްގައި 200 ވޯޓް ލިބިވަޑައިގަތުމަކީ ގޮތް ހުސްވާނެ ކަމެއް" ކަމަށެވެ.

ޔޫތު މިނިސްޓަރު އިޝާރަތް ކުރައްވާފައި އެވަނީ މި އަހަރު އޮތް މަޖިލީސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވާ ޖަމީލަށް ކުރިމަތިވި ނާކާމިޔާބީ އަށެވެ. -- އެ ދާއިރާގެ ވޯޓުގައި ޖަމީލަށް ލިބިވަޑައިގެންނެވީ ތިން ވަނަ އެވެ.

ބަދަލަކަށް ގެނައި ބަދަލުން ރައްޔިތުންނަށް ގޮތް ހުސްވެފައިވާ ކަމަށާ ގައުމާއި ދޭތެރޭ ވިސްނާ ކޮންމެ ބައެއްގެ ވެސް ޒިންމާއަކީ ރައްޔިތުންނަށް އިތުރު ގޮތްތަކެއް ހޯދައިދިނުން ކަމަށް ޖަމީލް ވިދާޅުވުމުން، ސަރުކާރަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި، ސަރުކާރު ހިއްސާވާ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ޖަމީލަށް ފާޑުވިދާޅުވަމުންނެވެ. އަދި ޖުމްހޫރީ ޕާޓީގެ ބައެއް އާންމު މެންބަރުން ވަނީ ޖަމީލު އެ ޕާޓީން ވަކިކުރަން ވެސް ގޮވާލަފަ އެވެ.

ނަމަވެސް ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ފަހު ރާއްޖޭގެ އިގުތިސޯދު ނާޒުކުވެ، ރައްޔިތުން ފަގީރު ވެއްޖެ ކަމަށާއި އެހެންކަމުން ނުކުމެ ހުންނެވީ އަނެއްކާވެސް ބަދަލެއް ގެނައުމަށް ކަމަށެވެ. އަދި ޕީޕީއެމް އަލުން ވެރިކަމަށް އަންނަންޖެހޭ ކަމަށް ވެސް އޭނާ ރޭ ވަނީ އދ. މަހިބަދޫގައި ވިދާޅުވެފަ އެވެ.