ވިޔަފާރި

މެލޭޝިއާގެ މާޓާ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ

Sep 7, 2019

މެލޭޝިއާގެ މަގުބޫލު ފެއާއެއް ކަމަށްވާ "މާޓާ" ފެއާގައި ރާއްޖެ އިން ބައިވެރި ވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނި ގޮތުގައި މި މަހުގެ 6 އިން 9 އަަށް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ކުރިއަށްދާ ފެއާގައި ރާއްޖޭގެ ނުވަ ކުންފުންޏަކުން ބަައިވެރިވާ ކަމަށެވެ.

މި ފެއާގެ ރާއްޖޭގެ ސްޓޭންޑުގައި ސަގާފީ ހަރަކާތްތައް ހުށަހަޅައި ދޭނީ ފަތްމިނި ބޮޑު ބެރު ގްރޫޕުންނެވެ. ރާއްޖޭގެ 54 އަކަމީޓަރުގެ ސްޓޭންޑުގައި ދިވެހި ރަހަތައް ދައްކާލުމާއި ވީއާރު މެދުވެރިިކޮށް ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ދައްކާލުން ކުރި އަށް ގެންދާނެ އެވެ. ފެއާގައި މެލޭޝިއާގެ ޓޫރިޒަމްގެ ފަރާތްތަކަށް ރާއްޖޭގެ މައުލޫމާތު ދީ، ރާއްޖޭގެ ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ރާއްޖޭގެ ކަނޑުއަޑި ދައްކާނެ އެވެ.

މެލޭޝިއާ ހިމެނޭ ސަރަހައްދަކީ ރާއްޖޭގެ ޓޫރިޒަމަށް އުންމީދީ ސަރަހައްދެކެވެ. އަދި މެލޭޝިއާއިން މިއަހަރުގެ މިހާތަނަށް 13،000 މީހުން އައިސްފައިވެ އެވެ.

ރާއްޖެ ބައިބެރިވެރިވާ ބޭރުގެ ފެއާތަކުގައި ކުރިން ދިވެހި ނޫސްވެރިން ބައިވެރިކުރެ އެވެ. މިހާރު އެ ފުރުސަތެއް ނުދެއެވެ.