ހަބަރު

ހަނދުގެ މިޝަންއާއެކު އިންޑިއާ ވަނީ ތާރީހު ލިޔެފައި: ރައީސް

އިންޑިޔާއިން ހަނދަށް ދާން ކުރިޔަށް ގެންދިޔަ މިޝަންއާއެކު އެގައުމު ވަނީ ތާރީހުގެ ތެރެއަށް ވަދެފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހަނދުގެ ދެކުނު ތަނޑިއާއި ވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، ދިރާސާ ކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދަން އިންޑިއާއިން ޖައްވަށް ފޮނުވި “ޗާންދްރަޔާން-2” ގެ މިޝަން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުރިޔަށް ދިޔައީ މިޝަން ރާވާފައިވާ ގޮތާއި އެއްގޮތަށެވެ. އެހެން ނަމަވެސް ހަނދުގެ ސަތަހައާއި 2.1 ކިލޯމީޓަރު ކައިރިން ދިވާމި މައްސަލަތަކާއި ގުޅިގެން، އެ މިޝަން ވަނީ ނާކާމިޔާބު ވެފަ އެވެ.

އެކަމާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ “ޗާންދްރަޔާން-2”އާއެކު އިންޑިއާއިން ތާރީހު ލިޔެފައިވާ ކަމަށާއި، އެ މިޝަންގެ ނިމުން ކޮންމެ ގޮތަކަށް އައި ކަމުގައިވީ ނަމަވެސް، ހަނދުގައި ޖައްވީ އުޅަނދެއް ޖެއްސުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އައިއެސްއާރުއޯ) އިން ކުރި މަސައްކަތައް ތައުރީފު ކުރައްވާފަ އެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓް

އިންޑީއަގެ މިޝަން ފެއިލްވީ އުޅަނދާ ބިމާ ދެމެދު އޮތް ގުޅުން ކެނޑުމާއި ގުޅިގެނެވެ. ޗަންދުރާޔަން 2 ޖައްވަށް އުދުއްސާލީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ރޭ ހަނދުގެ ދެކުނު ތަނޑިއަށް ފޯރަން އޮތީ ރޭ ދަންވަރު 1:30 އާއި 2:00 އާ ދެމެދުގަ އެވެ. ނަމަވެސް އެ މަންްޒިލަށް ވާސިލްވާން ދަނިކޮށް ކުއްލިއަކަށް އުޅަނދާއި ކޮންޓްރޯލްގެ ގުޅުން ކެނޑުނީ އެވެ. ގުޅުން ކެނޑުނު އިރު ޗަންދުރާޔަން 2 ހަނދަށް ޖެއްސުމަށް ގިރާ ކުރަން ޖެހޭ ރާސްތާގައި ބާކީ އޮތީ 2.1 ކިލޯ މީޓަރެވެ.