ކުޅިވަރު

ޗައިނާ މެޗްގެ ޓިކެޓް ވިކި ހުސްވެއްޖެ

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މާދަމާ ރޭ ޗައިނާ އާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ޗާޕް ކުރި 3500 ޓިކެޓް ވިކި ހުސްވެއްޖެ އެވެ.

ގަލޮޅު ދަނޑުގެ ސަހަރާ ފަޅި އާއި އިރުމަތީ ފަރާތު ސިޑި ބަރި ވީރާނާވާން ކައިރިވެފައި ވުމުން އެ ފަޅި ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ބުނުމުން މެޗަށް ހާއްސަކޮށްފައި ވަނީ ހުޅަނގު ފަރާތާއި މާޖީދީ މަގަށްވާ ފަޅި އެވެ.

އެފްއޭއެމުން ބުނީ މެޗުގެ ޓިކެޓްގެ ތެރެއިން 20 ޕަސަންޓް އަވޭ ޓީމަށް ދޭން ޖެހޭ ގޮތަށް އޭއެފްސީން ހަމަޖައްސާފައި ވުމުން ޗައިނާގެ ސަޕޯޓަރުންނަށް އެބައި ހާއްސަކޮށްފައިވާ ކަމަށެވެ. އަދި ޓިކެޓް ޗާޕް ކުރުމުގެ ކުރިން ޗައިނާގެ ފެޑެރޭޝަނުން ޓިކެޓް ގަނެ ފައިވާ ކަމަށެވެ.

މިދުވަސް ވަރަކީ ޗައިނާގެ ފަތުރުވެރިން ގިނަ އަދަދަކަށް ރާއްޖެ އަންނަ ދުވަސްވަރެވެ. މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތަކުން ދިވެހިން އަތުން ވެސް އަގު ބޮޑުކޮށް ޓިކެޓް ގަންނަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެއީ އެ ގެސްޓްހައުސްއަށް ޗުއްޓީ ހޭދަ ކުރަން އަންނަ ޗައިނާގެ ފަތުރުވެރިންނަށެވެ. އެގޮތުން ދިވެހިން 100 ރުފިޔާއަށް ގަތް ޓިކެޓް 500 ރުފިޔާއަށް ގަނެ ފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޗައިނާ އާއި ރާއްޖޭގެ މެޗުގެ ޓިކެޓް ވިއްކަން ފެށީ އިއްޔަ ހަވީރު 4:30 ގަ އެވެ. ރޭގެ 9:30 ހާ ހަމައަށް ޗާޕް ކުރި 3500 ޓިކެޓް ވަނީ ހުސްވެފަ އެވެ. މިއީ ދިވެހި ސަޕޯޓަރުން މެޗެއް ބަލަން މިދިޔަ ފަސް އަހަރު ތެރޭވެސް މިހާ އަވަސް ޓިކެޓް ވިކި ހުސްވި ފުރަތަމަ ފަހަރެވެ.

ސަބަބަކީ، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގިނަ ދުވަސްތަކަކަށް ފަހު ގައުމީ ޓީމުން ޖާގަ ދިނުމެވެ. އަޝްފާގަށް ގައުމީ ޓީމުން ޖާގަ ދީފައި ވަނީ 17 މަސް ދުވަހަށް ފަހު އެވެ.

ޓީމުން އަޝްފާގް ބާކީ ކުރީ މިދިޔަ އަހަރު މާޗް މަހު ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުގެ ޕްރީ ޕްރެސްއަށް ހާޒިރު ނުވުމުންނެވެ.

ގައުމީ ޓީމުގައި އަޝްފާގް އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ، އެންމެ ފަހުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ނޮވެމްބަރު 2017 ގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗުން އަޝްފާގް އަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.