ހަބަރު

މުޅި ރާއްޖެއިން ކުނި ނަގައިދޭނެ ބަޔަކު ހޯދަނީ

Sep 10, 2019
4

މީހުން ދިރިއުޅޭ ރަށްރަށް ޖަމާވެ، ގިނަ ދުވަސް ވެފައިވާ ކުނި ނަގައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނސްޓްރީން އިއުލާނު ކޮށްފި އެވެ.

މިނިސްޓްރީ އޮފް އެންވަޔަރުމަންޓުގެ އެދުމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް ޖަމާވެ، ގިނަ ދުވަސްވެފައިވާ ކުނި ނަގައި ސާފު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކޮށްދޭ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. މި ފައިސާ ބަލައި ގަންނާނީ މިއަދުން ފެށިގެން މިމަހުގެ 23 ގެ ނިޔަލަށެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތް ތަަކަށް ބޭނުންވާނެ ފޯމުތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަސައްކަތަށް ކުރިމަތިލާ ފަރާތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ބަހައްޓަން ޖެހޭނެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާތާ 148 ދުވަހެވެ. މި މަސައްކަތް ކޮށްދޭން ކުރިމަތިލާ ފަރާތަކުގެ ބީލް ހުޅުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކުނި ނަގައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރަށްރަށް ސާފުކޮށް ކުނި ނަގަނީ ކައުންސިލް ތަކުންނެވެ. އަދި ބައެއް ރަށްރަށުގައި މި މަސައްކަތް ކުރަނީ ވެމްކޯ އިން ނެވެ.