އަލީ އަޝްފާގު (ދަގަނޑޭ)

އުފާވެރި ހަބަރެއް: ދަގަނޑޭ ފުރަތަމަ 11 އަށް

ޗައިނާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ހޮނިހިރު ދުވަހު ޓީމާ ގުޅުނު އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރަތަމަ 11 އިން ފުރުސަތު ދީފި އެވެ.

ގައުމީ ޓީމާއެކު އަޝްފާގް މެޗަކަށް މި ނުކުންނަނީ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. ގައުމީ ޓީމާއެކު އެންމެ ފަހުން އަޝްފާގް މެޗެއް ކުޅެފައި ވަނީ 2017 ވަނަ އަހަރު ނޮވެމްބަރު މަހު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފަލަސްތީން އާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގަ އެވެ.

އޭގެ ފަހުން ބުޓާން އާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޭނާ ސްކޮޑުން ބާކީ ކުރީ އެ މެޗުގެ ކުރިން ބާއްވަން އޮތް ޕްރެސްއަށް ހާޒިރު ނުވުމުންނެވެ. ސަތާރަ މަސް ފަހުން އަޝްފާގް އަށް އަލުން ފުރުސަތު ދީފައިވާއިރު އޭނާ އަށް ޕްރެކްޓީސް ކުރެވުނީ އެންމެ ދެ ދުވަހު އެވެ.

ރާއްޖޭގެ ފުރަތަމަ 11

  • މުހައްމަދު ފައިސަލް -ގޯލް ކީޕަރު-
  • އަކްރަމް އަބްދުލް ގަނީ -ކެޕްޓަން-
  • އަހްމަދު ނޫމާން (ހެލްމެޓް)
  • ހުސައިން ޝިފާއު ޔޫސުފް (ކްރޫ)
  • ހައިޝަމް ހަސަން
  • ހުސައިން ނިހާން (ނިހާޓް)
  • އައިސަމް އިބްރާހިމް (ޓޯނީ)
  • ހަމްޒާ މުހައްމަދު (ހަމްޕް)
  • މުހައްމަދު ނާއިމް
  • އިބްރާހިމް މަހްދީ ހުސަައިން (ހަބޭސް އިއްބެ)
  • އަލީ އަޝްފާގް (ދަގަނޑޭ)

މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓްގެ ވާހަކަތައް ހުރީ އެހެން ގޮތަކަށެވެ. އޭނާ ބުނީ މެޗު ތަކުން އަޝްފާގް އަށް ފުރުސަތު ދިނުމުގައި ކެތްތެރިވާން ޖެހޭ ކަމަށެވެ.

ޝެގަޓް ބުނީ، އަޝްފާގަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމާމެދު ބަހުސެއް ނެތް ކަމަށާއި އަދި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަކީ އޭނާ ކަމަށް ވެދާނެ ކަމަށެވެ.

"އެހެން ނަމަވެސް މިދިޔަ ދޮޅު އަހަރު ތެރޭ ޓީމަށް ބަދަލުތަކެއް އަތުވެއްޖެ، އޭނާ ނުލައި އަހަރެމެން ގުއާމް އަތުން މޮޅުވެއްޖެ، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި، ބުޓާން އަތުން 7-0 ން މޮޅުވި، އެހެންވެ މޮޅުވަމުން އައި ޓީމަކުން ފުރުސަތު ދޭން ޖެހޭނީ މަޑުމަޑުން،" ޝެގަޓް ބުންޏެވެ.

"އޭނާ [އަޝްފާގް] އެންމެ ފަހުން ގައުމީ ޓީމަށް މެޗެއް ކުޅުނީ ނޮވެމްބަރު 2017 ގައި، އެއީ ވަރަށް ދުވަސް، އެހެންވީމާ އަޝްފާގަށް މެޗަކުން ފުރުސަތު ދިނުމުގައި ކެތްތެރިވަމާ ހިނގާ، އޭނާއަށް ވެސް ޕްރެޝަރު ނުދީ އަވަސް އަރުވާ ނުލައި ކުރިއަށް ދަމާ."