މީރާ

އޯގަސްޓު މަހު މީރާއަށް ބަލައިގަތީ 862.91 މިލިއަން ރުފިޔާ

Sep 10, 2019

މި އަހަރުގެ އޮގަސްޓު މަހު މީރާއަށް 862.91 މިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާއިން ބުނީ އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 14.8 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 3.4 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.

މިދިއަ އަހަރުގެ އޯގަސްޓު މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އޯގަސްޓު މަހުގެ އާމްދަނީ ދަށްވީ އޯގަސްޓު 2018 ގައި ލޭންޑް އެކިއުޒިޝަން ފީ އަދި ކޮންވަޝަން ފީ އާއި ކޮންސްޓްރަކްޝަން އެކްސްޓެންޝަން ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމަށް ވާތީ އެވެ.

މި އަހަރުގެ އޯގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވީ ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައި ނުވާތީ އެވެ.

މިދިއަ އޯގަސްޓުގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 55.8 ޕަސެންޓެވެ. ނުވަތަ 481.72 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީންނެވެ. އެއީ 13.3 ޕަސެންޓް ނުވަތަ 114.67 މިލިއަން ރުފި ޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 72.09 މިލިއަން ރުފިޔާ 8.4 ޕަސެންޓް އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.36 މިލިއަން ރުފިޔާ ދެ ޕަސެންޓް، އެއާޕޯޓު ސާވިސް ޗާޖްގެ ގޮތުގައި 52.13 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 88.94 މިލިއަން ރުފިޔާ ހިމެނެއެވެ.

އޮގަސްޓްގައި ބަލައިގަތް އާމްދަނީގެ ތެރޭގައި 30.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.