ރިލްވާން ރިޕޯޓް

ކިޑް ދޫކޮށްލީ ފޯނާއި ލެޕްޓޮޕް އަތުލުމަށްފަހު

މަރާލާފައިވާ އަހުމަދު ރިލްވާންގެ މައްސަލާގައި ހިމެނޭ ބައެއް މީހުންނާ ގުޅޭ ތަންތަން ފާސް ކުރުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި ރޭ އައްޑޫ ސިޓީން ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ ފޭދޫ ގުރަހާގެ އަހުމަދު އަގްލީލް (ކިޑް) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަންގެ އިސް ނެގުމަށް ފުލުހުން ފަށާފައިވާ ވަރުގަަދަ އޮޕަރޭޝަންގެ ތެރެއިން ކިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާ ދިރިއުޅޭ ގެއާއި ފޭދޫގައި އޭނާ ހިންގާ ފޮތިފިހާރަ ގިނަ ވަގުތުތަކެއް ވަންދެން ފާސް ކުރުމަށްފަހު އެވެ.

ފުލުހުން ބުނީ ރޭގެ އޮޕަރޭޝަންގައި ކިޑް ހައްޔަރު ކޮށްފައި ނުވާކަމަށެވެ. ނަމަވެސް ފުލުހުން ވަނީ ތިން ގަޑިއެއްހާ އިރުވަންދެން ކިޑް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފަ އެވެ.

އަވަސްއަށް އެނގިފައިވާގޮތުގައި ފުލުހުން ވަނީ، މަރު ކޮމިޝަންގެ ތަހުގީގު ރިޕޯޓާއި ގުޅޭގޮތުން ކިޑާ ބައެއް ސުވާލުތައްކޮށްފަ އެވެ. އަދި ބަޔާނެއްގައި އޭނާ ލައްވާ ސޮއި ކުރުވި އެވެ. ކިޑް ދޫކޮށްލާފައި ވަނީ އޭނާގެ ފޯނާ، ލެޕްޓޮޕް ތަހުގީގު ބޭނުމަށް ފުލުހުން އަތުލުމަށްފަހު އެވެ.

މަރު ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްގައި އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވެއެވެ. އެގޮތުން ރިލްވާން ކިޑްނެޕް ކުރުމަށްފަހު، އޭނާ މަރާލުމަށް ގެންގޮސްފައި ވަނީ ކަންނެލި ދޯންޏަކަށް އަރުވާފައިވައިގެން ކަމަށާ އެ ދޯނި ހަމަޖައްސާދީފައި ވަނީ އޭނާ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އެ ވާހަަކަތަކަކީ މަރު ކޮމިޝަނުން މިހާތަނަށް އެކުލަވާލި ދެ ޑްރާފްޓްގެ ތެރެއިން އެއް ޑްރާފްޓްގައި ލިޔެފައިވާ ވާހަކައެކެވެ. އަނެއް ޑްރާފްޓްގައި ރިލްވާން އެރުވީ ކަންނެލި ދޯންޏަކަށް ނޫން ކަމަށް ބުނެ އެވެ. ކޮމިޝަންގެ އެ ދެ ޑްރާފްޓްގައި ތަފާތުތަކެއް ހުރިކަން ރައީސް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކިޑްގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ މީގެ ކުރިން ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ރިލްވާންގެ މަރުގެ މައްސަލާގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.