ހަބަރު

51،000 އަށް ވުރެ ގިނަ ބަނގުރާފުޅި ނައްތާލައިފި

ކަސްޓަމްސްގެ ބޮންޑެޑް ވެއަހައުސްގެ ބެލުމުގެ ދަށުގައި ހުރި 51،000 އަށް ވުރެ ވުރެ ގިނަ ބަނގުރާ ފުޅި ފުލުހުން ނައްތާލައިފި އެވެ.

ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އިއްޔެ ނައްތާލި ބަނގުރާ ފުޅިތަކުގެ އަދަދު 51،612 އަށް އަރަ އެވެ. އަދި ބަނގުރަލުގެ 783 ޕެކެޓާއި ތިން ދަޅު ވަނީ ނައްތާލާފަ އެވެ. މި ތަކެތި އިއްޔެ ނައްތާލާފައިވަނީ ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގަ އެވެ.

ކަސްޓަމްސް އިން އިއްޔެ ނައްތާލި މި ތަކެއްޗަކީ އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައި ވާ ތަކެއްޗެވެ.

މިދިޔަ މަހުގެ 31 ގައި ވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރާފުޅި ނައްތާލާފަ އެވެ. އެގޮތުން، މިދިޔަ ނުވަ އަހަރުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައިވާ 8500 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލާފައި ވެ އެވެ.