ވިޔަފާރި

އެއާޕޯޓް އޭޕްރޮންގެ މަސައްކަތް އަންނަ މަހު ނިންމާލަނީ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް (އައިއެންއޭއައިއޭ) ގެ އޭޕްރޮން ބޮޑު ކުރުމުގެ މަސައްކަތް އަންނަ މަހު ނިންމޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް (އެމްއައިއެފް) ގެ ޕާޓްނަރުންނާއެކު ހޮޓްލެ ޖެންގައި ރޭ ބޭއްވި ބަދަލުވުމަށްފަހު މިނިސްޓަރު ސައީދު ވިދާޅުވީ މަތިންދާ ބޯޓު ޕާކުރުމަށް ހަދާ އޭޕްރޮންގެ މަސައްކަތް އަންނަ މަހު އެއްކޮށް ނިންމާލެވޭނެ ކަމަށާއި އޭރުން ދެން ފެނިގެންދާނީ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް ކަމަށެވެ.

"މިއަދު މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޕްރޮންގެ އެކްސްޕެންޝަންގެ މަސައްކަތް އަންނަ މަހު ނިމޭނެ. ނިމޭއިރު 777 ގެ އިތުރު ހަތަރު ބޯޓު ބޭއްވޭނެ،" ސައީދު ވިދާޅުވި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރޮން ބޮޑު ކުރުމުގެ މަސައްކަތް ކުރަނީ ރަންވޭގެ މަސައްކަތް ވެސް ކުރަމުން ގެންދާ ޗައިނާގެ "ސައިނޯ ހައިޑްރޯ" ކުންފުނިންނެވެ. މަތިންދާ ބޯޓުތައް ބޭއްވުމަށް ހަދާ މި ސަރަހައްދުގެ މަސައްކަތް ނިމޭއިރު އޭޕްރޮން އަށް 350 މީޓަރު އިތުރު ވެގެން ދާނެ ކަމަށް އެއާޕޯޓްސް ކޮމްޕެނީން ކުރިން ބުނެފައިވެ އެވެ.

ސަރުކާރުން ވަނީ ރަންވޭގެ މައިގަނޑު މަސައްކަތް ކުރުމަށް ވެސް ސައިނޯ ހައިޑްރޯ ކުންފުންޏާ ހަވާލުކޮށްފަ އެވެ. ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކީ ގާތްގަނޑަކަށް 15 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.