ވިޔަފާރި

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް ހުޅުމާލޭގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގެ ރެނާޓަސް އިމާމުތް ބިލްޑިންގައި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމްއެއް މިއަދު ހުޅުވައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ހުޅުމާލޭގައި މިއަދު ހުޅުވި އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާ ކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާގެ ހިދުމަތް ހޯދޭނެ އެވެ. އެ އޭޓީމްއެމްއާއެކު ހުޅުމާލޭގައި ބީއެމްއެލްގެ ޖުމުލަ ހަތް އޭޓީއެމްއެއް ހުންނާނެ އެވެ.

ހުޅުމާލޭގައި ޔޫއެސް ޑޮލަރުގެ އޭޓީއެމް ހިދުމަތް ދޭން ފެށުމުުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ހުޅުމާލޭގައި މިއަދު ދޭން ފެށި ޔޫއެސް ޑޮލަރުގެ އޭޓީއެމްގެ ހިދުމަތަކީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.

ޑޮލަރު އޭޓީއެމްގެ ހިދުމަތް ބީއެމްއެލްއިން ތައާރަފު ކުރި ދުވަހުން ފެށިގެން އެ ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ. އެ ގޮތުން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށާއި 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 47 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 110 އޭޓީއެމް، 5500 ޕީއޯއެސް މަރޗަންޓުން، އަދި 277 ކޭޝް އޭޖެންޓުންގެ ހިދުމަތް ބީއެމްއެލްއިނިް ދެ އެވެ. އެ ބޭންކްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.