ހަބަރު

އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ ސަމާލުކަމަށް

އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ފެތުރޭތީ އެ ސިޓީގެ ކައުންސިލް މެންބަރުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އިއްޔެ އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މެންބަރުން، އައްޑޫގައި ހަރުކަށި ފިކުރު ފެތުރޭތީ އެކަން ޑިފެންސް މިނިސްޓަރުގެ ސަމާލުކަމަށް ގެންދިޔަ ކަމަށެވެ. އެކަމާއި ގުޅިގެން މިނިސްޓަރު މާރިޔާއާ ކައުންސިލް މެންބަރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން މި ބައްދަލްވުމުގައި އެހެން ބައެއް ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރި އެވެ.

އެގޮތުން ކާރިސާތައް ދިމާވުމުން ކުރިމަތިވާ ގޮންޖެހުންތައް މިނިސްޓަރުގެ ސަމާލު ކަމަށް ގެނަ އެވެ. އަދި އައްޑޫ ސިޓީއަށް ޒިޔާރަތްކުރާ އިއްޒަތްތެރިން ދަތުރު ކުރެއްވުމަށް ރަސްމީ އުޅަނދެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ވެސް، ސިޓީ ކައުންސިލްގެ މެންބަރުން ވަނީ މިނިސްޓަރު މާރިޔާ ހިއްސާކޮށްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވެސް ބުނީ މިނިސްޓަރު މާރިޔާއާއެކު ކުރިއަށް ގެންދެވީ ކާމިޔާބު ބައްދަލުވުމެއް ކަަމަށެވެ. އެ ބައްދަލްވުމުގައި އައްޑޫ ސިޓީގައި ހަރުކަށި ފިކުރު ފެތުރޭތީ އެކަން ސަމާލުކަމަށް ގެންދިޔައީ އައްޑޫގައި ހަރުކަށި ފިކުރުގެ މީހުން އުޅޭކަމަށް އަބަދުވެސް ވާހަކަ ދެކެވެމުންދާތީ ކަމަށެވެ. އަދި އެފަދަ މީހުން ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދިވެހިން ފޮނުވަމުންދާ ކަމުގެ ވާހަކަ ދެކެވޭތީ ކަމަށެވެ.

މީގެ އިތުރުން ކާރިސާތައް ދިމާވުމުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓާއި ގުޅިގެންވެސް ދާދިފަހުންވެސް އައްޑޫގައި ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. އެ ރިޕޯޓްގައި ހަރުކަށި ފިކުރުގެ މީހުން އައްޑޫ ސިޓީގައި އުޅެމުންދާކަމަށް ބުނެފައިވެއެވެ.