ދުނިޔެ

ސިންގަޕޫރުގެ މިނިވަން 50: ކުލަގަދަ ހަރަކާތްތަކަށް 15 މިލިއަން ޑޮލަރު

Aug 5, 2015

މިނިވަން 50ގެ ކުލަބޮކިތައް މި ރާއްޖެއަކުން އަދިވެސް ނުނިވެ އެވެ. މި ސަރަހައްދުން އަހަރެމެންނާ އެކު މިނިވަންކަން ލިބުނު ސިންގަޕޫރު މިހާރު އެ އޮތީ އެމީހުންގެ މިނިވަން 50 ގެ ބޮކިތައް ދިއްލާލުމަށް ތައްޔާރުވެފަ އެވެ.

މީގެ 50 އަހަރު ކުރިން ސިންގަޕޫރަށް މިނިވަންކަން ލިބުނީ އޯގަސްޓް ނުވައެއްގަ އެވެ. މި ތާރީޚުގައި ސިންގަޕޫރުން ފާހަގަކުރާ ގައުމީ ދުވަހާ އެކު މިނިވަން ދުވަހުގެ ކުލަގަދަ ހަރަކާތްތައް ފެށުމަށް ތައްޔާރުވަމުން އަންނަނީ ގާތްގަނޑަކަށް 15 މިލިއަން ޑޮލަރުގެ ބަޖެޓަކާ އެކުގަ އެވެ.

ސިންގަޕޫރުގެ ތާރީޚީ މައިދާނެއް ކަމުގައިވާ ޕެޑެންގްގައި ރަސްމީ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު 150،000 މީހުންގެ އޯޑިއެންސެއް މި ކުޅިވަރު ބެލުމަށް އެތަނަށް އެއްވާނެ ކަމަށް ބެލެވެ އެވެ. ރަސްމީ ކުޅިވަރުގެ ހަރަކާތްތަކުގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު 20 ފައިޓާ ޖެޓް ވެސް މި ހަރަކާތުގައި ބައިވެރިވެ "50" ގެ ސިފަ އަށް ވައިގެ ތެރޭގައި އުދުހޭނެ އެވެ.

މިނިވަން ފޯރިއާ އެކު ސިންގަޕޫރުގެ ދިދަތައް ޕްރިންޓްކޮށް ބެހުމުގެ ފޯރި ވެސް އޮތީ ނިކަން ގަދަކޮށްފަ އެވެ. މުނިފޫހިފިލުވުމުގެ ހަރަކާތްތައް ސިންގަޕޫރުން ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ހޭދަކުރެ އެވެ. 

މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ސިންގަޕޫރުގެ ސަރުކާރުން 15 މިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ކުރާތީ އެގައުމުގެ ގިނަ ބަޔަކު ތިބީ އެކަމާ ހިތްހަމަނުޖެހިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އާންމު ބުނަނީ މި ހަރަކާތްތަކަކީ ގައުމީ ރޫހާއި އެއްބައިވަންތަކަން އާލާކުރުމަށް ނުވަތަ ވަރުގަދަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ނޫން ކަމަށާއި މިއީ ފައިސާ އޮއްސާލަން ދައްކާ ދަޅައެއް ކަމަށެވެ.