ހަބަރު

އާ އަހަރު ފާހަގަ ކުރަން ފަޅުރަށެއްގައި ޕާޓީކުރި 91 މީހަކު ހައްޔަރުކޮށްފި

Jan 1, 2015

މަސްތުވާތަކެތި ކަމަށް ބެލެވޭ ބައެއް ތަކެއްޗާއި ބަނގުރަލާއެކު އދ. ރަށްދިއްގާއިން 19 މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ރަށުން ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 27 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށާއި އެ މީހުން ހައްޔަރު ކުރީ ރަށްދިއްގާގައި ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތި ބޭނުން ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެ އަތޮޅު މަހިބަދޫގައި ތިބޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ ދަންވަރު 1:30 އެހާކަންހާއިރު ކަމަށެވެ.

އަދި ބުނީ ފުލުހުން އެރަށަށް އަރާ ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި އެ ރަށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި  ބުލެޓް ސައިޒްގެ ތިން ސެލޯފިން ކޮޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި އަށް ސެލޯފިން ކޮޅާއި މަސްތުވާތަކެތި އެއްކޮށްފައިހުރި ކަމަށް ބެލެވޭ ސުއްޓާއަކާއި މަސްތުވާތަކެތި އެއްކޮށްފައި ހުރިކަމަށް ބެލެވޭ ދުންފަތް ޕެކެޓަކާއި ބޭނުންކޮށްފައި ހުރި ދެ ފުޅި ބަނގުރަލާއި ނުކަނޑާހުރި ހަތް ފުޅި ބަނގުރާ ފެނިފައިވެއެވެ.

ހައްޔަރު ކުރި 19 މީހުންގެ ކުޑަކަމުދާ ތަކެތި ނަގައި މަލްޓި ޑްރަގް ޓެސްޓް ކަޕް ބޭނުންކޮށްގެން ޓެސްޓް ކުރުމުން އެ މީހުންގެ ތެރއިން ތެރެއިން 15 މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ THC އަދި MET އަށް ވަނީ ޕޮޒިޓިވްވި ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ކޯޓުން މިހާރު ވަނީ ހޯމް މިނިސްޓްރީން އަންގާ ތަނެއްގައި އެމީޙުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް މުއްދަތު ޖަހައިދީފައެވެ. 

މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން އޭގެ ތެރެއިން ތިން މީހަކަށް 15 ދުވަސް، 13 މީހަކަށް 10 ދުވަސް ދީފައިވާއިރު ތިން މީހަކަށް ފަސް ދުވަސް ޖަހައިދިނެވެ. 

މީގެ ކުރިން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވ. އަންބަރާ ކިޔާ ރަށެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރި މައްސަލައިގައި ވެސް އެރަށުން 79 މީހަކު ހައްޔަރުކުރި އެވެ. އެރަށުން ވެސް މަސްތުވާތަކެތި ފެނިފައިވާއިރު އޭގެ ތެރެއިން ގިނަ ބަޔަކު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން މާލޭގައި ރޭ ހިންގި އޮޕަރޭޝަންގައި ވެސް 23 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން މަސްތުވާތަކެއްޗާއި ބަނގުރަލާ އެކު ހައްޔަރު ކުރިއިރު ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅުނު އަންހެނުން ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.