ވިޔަފާރި

ގެސްޓްހައުސްތަކަށް ކަލިނަރީ ޓޫރިޒަމް ތައާރަފު ކުރަނީ

Sep 14, 2019

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ގެސްޓްހައުސްތައް މެދުވެރިކޮށް "ކަލިނަރީ ޓޫރިޒަމް" ތައާރަފު ކުރަން މަސައްކަތް ތަކެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

ގޭމްގެ ބޯޑް މެންބަރު ކޯޕަރޭޓް އެފެއާޒް، މުހައްމަދު ވާފިރު ވިދާޅުވި ގޮތުގައި ރަށްރަށުގައި ލިބެން ހުރި ހާއްސަ ކެއުންތައް ގެސްޓްހައުސްތައް މެދުވެރިކޮށް ދުނިޔެއަށް ޕްރޮމޯޓް ކުރަން "ގެސްޓްރޮނޮމިކް ޓޫރިޒަމް" ނުވަތަ "ކަލިނަރީ ޓޫރިޒަމް" އަށް ހާއްސަކޮށް އިޓަލީގެ ޓުއާ އޮޕަރޭޓަރުންގެ ޓީމަކާ ޔޫރަޕިއަން ޔުނިވާސިޓީ އޮފް ޓޫރިޒަމްގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންވަން ނިންމާފައވާ ކަމަށެވެ.

"ބޭނުމަކީ އެ ރަށެއްގައި ހާއްސަކޮށް ލިބެން ހުރި ކެއުންތައް އިޓަލީގައި ޕްރޮމޯޓްކޮށް، ގެސްޓްހައުސް ތަކަށް އަންނަ އިޓަލީ މީހުން އިތުރު ކުރުން. އޭރުން ގެސްޓްހައުސްތަކަށް އަންނަ އިޓަލީ މީހުންނަށް އެނގޭނެ ކޮބައިކަން މި ބާވަތުގެ ކެއުންތައް ލިބެން ހުރި ތަންތަނަކީ،" ވާފިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޓީމުގެ ދަތުރުގައި އއ. ރަސްދޫ އަށާއި އއ. އުކުޅަހަށް އަދި ބ. ފެހެންދޫ އަށްދާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި އެހެން ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުން ވެސް ރާއްޖެ ގެންނަން ހަމަޖެހިފައިވާ ކަމަށް ވެސް ވާފިރު ވިދާޅުވި އެވެ.

އަގޯޑާއާ ގުޅިގެން ވޯކްޝޮޕް ތަކެއް ފަށަނީ

ގޭމް އިން ވަނީ އޮންލައިން ބުކިން ސަައިޓް "އަގޯޑާ" އާ ގުޅިގެން ގެސްޓްހައުސް ތަކަށް ހާއްސަ ވޯކްޝޮޕް ތަކެއް ބާއްވަން ވެސް ނިންމާފަ އެވެ.

ވާފިރު ވިދާޅުވީ ޓްރެއިން ކުރި އަށް ދާނީ ހުޅުމާލޭގައި ކަމަށާ، ނަމަވެސް ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގައި މި ފަދަ ސިލްސިލާ ވޯކްޝޮ ތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގެ 546 ގެސްޓްހައުސްއެއްގައި 8,989 އެނދު އެބަހުއްޓެވެ.