ވިޔަފާރި

ގިނަ ދިވެހިން ބޭރަށް ދަތުރު ކުރަނީ ބޭސްކުރަން، އެކަމަށް މީހަކު ހާހެއްހާ ޑޮލަރު ހަރަދު ކުރޭ

ރާއްޖޭން ބޭރަށް އެންމެ ގިނަ ދިވެހިން ދަނީ ބޭސް ފަރުވާއަށް ކަމަށާއި އެކަހަލަ ކޮންމެ ދަތުރަކު މީހަކު ގާތްގަނޑަކަށް ހާހެއްހާ ޑޮލަރު (15،000 ހާހެއްހާ ރުފިޔާ) ހަރަދު ކުރާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކުރި ސާވޭ އަކުން ދައްކައިފި އެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންގެ މެދުގައި އެމްއެމްއޭ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި، "ވިޒިޓް އެބްރޯޑް ސާވޭ" އިން ދައްކާ ގޮތުން އެ ސާވޭގައި ބައިވެރިވި، 57 ޕަސެންޓް މީހުން ބޭރަށް ދަނީ ބޭސްފަރުވާގެ ކަންކަމަށެވެ. އެގޮތުން 61 ޕަސެންޓް މީހުން ބޭސް ފަރުވާއަށް ދަނީ އިންޑިޔާ އަށެވެ. އިންޑިޔާއަށް ދާ ދިވެހިން އާއްމު ގޮތެއްގައި 16 ދުވަސް އެ ގައުމުގައި ހޭދަކުރާ އިރު، ބޮލަކަށް 736.5 ޑޮލަރު ހަރަދުކުރެ އެވެ. ދެން އެންމެ ގިނައިން ބޭހަށް ދާ ލަންކާއަށް، މީހަކު އާންމުކޮށް 716 ޑޮލަރު ހޭދަ ކުރެ އެވެ. މީގެ އިތުރުން މެލޭޝިޔާ ތައިލެންޑް އަދި ސިންގަޕޫރަށް ވެސް މަދު އަދަދަށް ދިވެހިން ބޭސްފަރުވާއަށް ދެ އެވެ. އޭގެން ކޮންމެ މީހަކު އާންމުކޮށް 1000 ޑޮލަރަށް ވުރެ ގިނައިން ހަރަދު ކުރެ އެވެ.

ދެން އެންމެ ގިނައިން ދިވެހިން ބޭރަށް ދަތުރު ކުރަނީ ޗުއްޓީ ހޭދަ ކުރުމަށެވެ. ދިރާސާގައި ބައިވެރިވި، ގިނަ މީހުން ޗުއްޓީ ހޭދަކުރަނީ ސްރީލަންކާ ގަ އެވެ. އެ ގައުމަށް ދަތުރުކުރާ ދިވެހިން އާއްމު ގޮތެއްގައި ސްރީލަންކާގައި 11 ދުވަސް ހޭދަކުރެ އެވެ. މި ދުވަސްތަކުގައި އެވްރެޖު ގޮތެއްގައި ބޮލަކަށް 631 ޑޮލަރު ހޭދަކުރެ އެވެ. އަދި ދިވެހިން ދެވަނައަށް އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ މެލޭޝިޔާގަ އެވެ. އެ ގައުމަށް ދާ ދިވެހިން އެވްރެޖު ގޮތެއްގައި 999 ޑޮލަރު ހަރަދު ކުރެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 25-30 އަށް އެއާޕޯޓްގައި ކުރި އެ ސާވޭގައި 3،000 އަށްވުރެ ގިނަ ދިވެހިން ބައިވެރިކޮށްފައިވެ އެވެ.