ވިޔަފާރި

މިއަދު 300 ޓަނާ ގާތަށް މަސް ގަނެވޭނެ: މިފްކޯ

Sep 15, 2019

އުތުރުގައި އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައި ވާތީ، ކޫއްޑޫގައި ގެންގުޅޭ ބޯޓު ފަހަރު، ފެލިވަރު ބަނދަރަށް ގެންދިއުމާއެކު މިއަދު 300 ޓަނާ ގާތަށް މަސް ކިރުވޭނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ދީދީ (ޑީޑީ) ވިދާޅުވީ ފެލިވަރުގައި މަސް ގަނެވޭނެ އެކަށީގެންވާ ކެޕޭސިޓީ ނެތް ކަމަށާ، ނަމަވެސް ކޫއްޑޫގައި ހުރި ބޯޓު ފަހަރު ގެންގޮސްގެން އޮޕަރޭޝަން ފުޅާކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު މަސް ގަތުމުގެ ކެޕޭސީޓީ 300 ޓަނާ ގާތަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސް ބޯޓު ފަހަރު ކޫއްޑޫ އިން ގެންގޮސް ގެން އޮޕަރޭޝަން ކުރި އަށް މި ގެންދަނީ. އެކަމަކު ބޯޓެއް ކޫއްޑޫ އިން ފެލިވަރަށް ދާން އެބަ ނަގާ ދެ ދުވަސް. ބޯޓު ފެލިވަރުން މަސް ހިފައިގެން ގޮސް ކޫއްޑު އަށް ހުސްކޮށްފަ ދާން ނަގާ ފަސް ދުވަސް. އެހެންވެ ވަގުތު ގޮޅެއް ނަގާ،" ޑީޑީ ވިދާޅުވި އެވެ.

މިފްކޯ އިން ދަނީ މަސް ކިރުވޭނެ ކެޕޭސީޓީ އިތުރު ކުރުމުގެ ގޮތުން، އެހެން ކުންފުނިތަކުގެ ފެސިލިޓީ ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޮރައިޒަން އިން ހިންގާ ށ. ކީކިމިނީ ސްޓޯރޭޖު އޮޕަރޭޝަނަށް ގެންނަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ޑީޑީ ވިދާޅުވީ މިތަން ވެސް ތިން ދުވަހެއްގެ ތެރޭ އޮޕަރޭޝަނަށް ގެންވޭނެ ކަމަށް އެ ބޭފުޅުން ބުނެފައިވާ ކަމަށެވެ.

"އެ ތަނުގެ ސްޓޯރޭޖު ޖައްސައި، އެތަން އޮޕަރޭޝަނަށް އައުމުން ވެސް އިތުރަށް ގެނެވޭނެ،" ޑީޑީ ވިދާޅުވި އެވެ.

މަހުގެ ތާޒާކަން ހިފަހައްޓަން އިލްތިމާސް ކުރޭ

މަސްވެރިކަން ރަނގަޅުވެ، ޖެހިގެން އަންނަ ދުވަހު މަސް ކިރުވަން ކިޔޫ ނަމްބަރެއް ދޫކުރަން ފަށާފައިވާއިރު، އެ ކުންފުނިން ވަނީ މަސްވެރިންނަށް ހާއްސަ އިލްތިމާސެއް ވެސް ކޮށްފަ އެވެ. މިފްކޯ އިން ބުނީ ޖެހިގެން އަންނަ ދުވަހު ކިޔޫ ނަމްބަރު ލިބޭ ދޯނީގައި މަސް ހުންނަ ވަރުން އެ ކުންފުނިން ދޫކުރާ އައިސް އިން ނުވާނަމަ ލިބެން ހުރި ވަރަކަށް އައިސް އަޅަން އިލްތިމާސް ކުރާ ކަމަށެވެ. އުތުރުގައި މަސްވެރިކަން ރަނގަޅުވެ، ފެލިވަރަށް ބާރު ބޮޑުވެފައިވާއިރު، އެތަން އޮތީ ވަރަށް ބޮޑަށް ވީރާނާ ވެފަ އެވެ. މަރާމާތު ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެތަނުގެ މަސް ގަތުމުގެ ކެޕޭސިޓީ ވަނީ ދަށްވެފަ އެވެ.