ހަބަރު

އަވަސްގެ ނާޒިމާއި އަފުރާއަށް އެވޯޑް

ވިޔަފާރި އާއި އިގްތިސޯދު ދާއިރާ އަދި ޝަރުއީ އާއި ގާނޫނީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިންގެ އެވޯޑް އަވަސްގެ ދެ ނޫސްވެރިން ހޯދައިފި އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި ޝަރުއީ އަދި ގާނޫނީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލް ކޮށްފައި ވަނީ އަވަސްގެ ނޫސްވެރިޔާ ނާޒިމް ހަސަނެވެ. އޭނާ ވަނީ މިދިޔަ އަހަރު އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ވެސް ހޯދާފަ އެވެ.

ވިޔަފާރި އަދިި އިގްތިސޯދުގެ ދާއިރާއިން އެވޯޑް ހާސިލް ކުރީ އަވަސްގެ ނޫސްވެރިޔާ މުހައްމަދު އަފްރާހެވެ.

މިދިޔަ އަހަރު ނޫސްވެރިން އުފެއްދި އުފެއްދުންތަކަށް ރޭ އެވޯޑް ދީފައިވާއިރު މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހޯދާފައިވަނީ ނޫސްވެރިޔާ ނަޖާހު މަސްއޫދެވެ. އޭނާއާއެކު އަވަސް އޮންލައިންގެ އަލީ އަފާފު ވެސް ވާދަ ކުރި އެވެ.

ޕްރިންޓް އަދި އޮންލައިން ކެޓަގަރީއިން ދެން އެވޯޑް ލިބުން ނޫސްވެރިންނަށް ބަލާއިރު ކުޅިވަރުގެ ދާއިރާ އަދި ފީޗާ ލިޔުމުގެ ދާއިރާއިން އެވޯޑް ހޯދީ މުހައްމަދު ހަމްދޫނެވެ.

އިޖްތިމާއީ ދާއިރާއިން އެވޯޑް ލިބުނީ އާސިޔަތު މުހައްމަދެވެ. އޭނާއާ އަވަސް އޮންލައިންގެ އައިމިނަތު އިބްރާހިމް ވާދަ ކުރި އެވެ. ސިޔާސީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކީ ފަޒީނާ އަހުމަދެވެ. އޭނާއާ ވާދަކުރީ މިދިޔަ އަހަރު އެ އެވޯޑް ހޯދި އަވަސް އޮންލައިންގެ މޫސާ ރަޝީދެވެ.

އެންމެ މޮޅު ފޮޓޯ ޖާނަލިސްޓުގެ އެވޯޑް ހޯދީ ފޮޓޯ ޖާނަލިސްޓް ހުސެއިން ވަހީދެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށް ދެއްވި ހަފުލާގައި ރޭ ވަނީ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ހަތަރު ބޭފުޅަކަށް ދެއްވާފަ އެވެ.