ހަބަރު

ފްލެޓް ކޮމިޓީން މުއިއްޒާއި ތޮލާލް އިސްތިއުފާ ދެއްވައިފި

Sep 17, 2019

ކުރީގެ ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވާ ގޮތް ބެލުމަށް އެކުލަވާލި ކޮމިޓީގެ ނައިބު ރައީސަކަށް ހުންނެވި މުހައްމަދު މުއިއްޒު އަދުނާނާއި ކޮމިޓީގެ މެންބަރަކަށް ހުންނެވި އަހުމަދު ތޮލާލް، އެ ކޮމިޓީން އިސްތިއުފާ ދެއްވައިފި އެވެ.

މުއިއްޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލެޓް މައްސަލަ ބަލާ ކޮމިޓީން މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ކޮމިޓީން އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.

ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި މަސައްކަތް ކުރައްވަމުން ފްލެޓް ކޮމިޓީގެ މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެެވޭ ކަމަށެވެ. އެހެންކަމުން ފްލެޓް ކޮމިޓީގެ މަސައްކަތް އަވަހަށް ނިންމަން އެ ކޮމިޓީގެ މަސައްކަތަށް އެކަށީގެންވާ ވަރަށް ވަގުތު ދެވޭނެ ބޭފުޅަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކޮމިޓީން އޭނާ ވަކިވެވަޑައިގަތީ ކަމަށެވެ.

ތޮލާލްގެ ބަދަލުގައި ފްލެޓް ކޮމިޓީއަށް ވަނީ އެހެން ބޭފުޅަކު، އޭނާ އިސްތިއުފާ ދެއްވި ދުވަހު އައްޔަންކޮށްފަ އެވެ. އެއީ ގާނޫނީ ވަކީލެއް ކަމަށްވާ ތޯހާ މުހައްމަދެވެ. އޭނާއާއެކު ކޮމިޓީގައި ދެން ތިއްބެވީ ފާތިމަތު ސާއިރާ އާއި، ނުޒުހާ އަލީމާއާއި، އަލީ ޝުހައިލެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެ ކޮމިޓީން ބަލަމުން ދަނީ، "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" މަޝްރޫއުގެ އިތުރުން "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" މަޝްރޫއުގައި ފްލެޓް ދޫކޮށްފައިވާ ގޮތެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތް ލަސް ކަމަށް ބުނެ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.