ހަބަރު

އަގު ދީގެން ޕާކް ކުރެވޭ އުސޫލެއް ފާސްކޮށްފި

މާލޭ ސިޓީ ކައުންސިލުން އަގުދީގެން 4 ފުރޮޅުލީ ވެހިކަލް ޕާރކްކުރުމުގެ އުސޫލެއް ފާސްކޮށްފި އެވެ.

ސިޓީކައުންސިލުން ބުނީ އެ ކައުންސިލްގެ 74 ވަނަ ރަސްމީ އާއްމު ޖަލްސާގައި އަގުދީގެން 4 ފުރޮޅުލީ ވެހިކަލް ޕާރކްކުރުމުގެ އުސޫލެއް ފާސްކޮށްފައިވާކަމަށާއި، އެ އުސޫލު މިއަދު އާއްމުކޮށް ގެޒެޓް ކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލުގައިވާގޮތުން މާލޭގައި އަގުދީގެން ވެހިކަލް ޕާރކް ކުރެވޭނީ މ. ދަންޑަހެލުގެ (ސްޕްރީމްކޯޓް ކުރިމަތި) ގައި ހަދާފައިވާ ޕާރކިންގ ޒޯންގައެވެ.

އެ ޒޯނުގައި ޕާރކުކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމް އެކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށާއި، ޕާރކިން ލޮޓްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 ސެޕްޓެމްބަރ ވަނަ ދުވަހުގެ 09:00 އިން 01 އޮކްޓޫބަރ ވަނަ ދުވަހުގެ 13:00 އަށް އެކައުންސިލްގެ
މާފަންނު އޮފީހުން ކަމަށެވެ. އަގުދީގެން ޕާރކުކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ އަދަދަކީ 40 ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ސިޓީކައުންސިލުން ފާސްކުރި އުސޫލުގައިވާގޮތުން ސައިކަލް ޕާކް ކުރުމުގެ މަހުފީ އަކީ 600 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ، ފުރަތަމަ 30 މިނެޓް ހަމަވުމުގެ ފަހުން އިތުރުވާ ގަޑިއިރަކަށް 5 ރުފިޔާ ނަގަން ހަމަޖައްސާފައިވާއިރު، ކާރު، ލޭންޑްރޯވާ، ވޭން އަދި ކުޑަ ޕިކަޕްގެ މަހުފީއަކީ 3000 ރުފިޔާ އެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ ފުރަތަމަ 30 މިނިޓްހަމަވުމަށްފަހު އިތުރުވާ ގަޑި އިރަކަށް 20 ރުފިޔާ އެވެ.

މީގެ އިތުރުން، ފައްސަތޭކަ ކިލޯއާއި 2 ޓަނުގެ ދޭތެރޭ ޕިކަޕްގެ މަހުފީއަކީ 3500 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ ފުރަތަމަ 30 މިނިޓްހަމަވުމަށްފަހު އިތުރުވާ ގަޑި އިރަކަށް 25 ރުފިޔާ އެވެ. އަދި 2 ޓަނާއި ފަސްޓަނާއި ދޭތެރޭ ލޮރީގެ މަހުފީއަކީ 4000 ރުފިޔާއެވެ. ގަޑި އިރަކަށް ޕާކް ކުރާނަމަ ފުރަތަމަ 30 މިނިޓްހަމަވުމަށްފަހު އިތުރުވާ ގަޑި އިރަކަށް 30 ރުފިޔާ އެވެ.

އެގަވައިދުގެ ދަށުން ފުރަތަމަ ފަހަރު ޖާގަ ދޫކުރުމުގައި ދޫކުރާ ޖާގައަށްވުރެ ގިނައިން އެދިފައިވާނަމަ، ޖާގަ ދޫކުރާނީ ގުރުއަތުން ކަމަށާއި، ޒޯނުން ޖާގަ ދޫކުރާނީވެސް ގުރުއަތުގެ ތަރުތީބުން ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފަ އެވެ.