އަފްޣާނިސްތާން

ބޮމުގެ ހަމަލާއަކު އަފްޣާނިސްތާނުގެ ރައީސް ސަލާމަތްވެ ވަޑައިގެންފި

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ބައިވެރިވެ ވަޑައިގެންނެވި ރެލީއަކަށް ދިން ބޮމުގެ ހަމަލާއަކުން އެ މަނިކުފާނު ސަލާމަތްވެ ވަޑައިގެންފި އެވެ. އެ ހަމަލާގައި ރައީސް ޣަނީއަށް އެއްވެސް ގެއްލުމެއް ލިބި ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ކެމްޕޭން ރެލީއަށް ދިން ބޮމުގެ ހަމަލާއެއްގައި 24 މީހަކު މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަހަމެވެފައި ވެއެވެ.

އަފްޣާނިސްތާނުގެ ފުލުހުން ބުނީ، ބޮމް ހަރަކޮށްފައި ވަނީ ރެލީ ކުރިއަށް ދިޔަ ސަރަހައްދަށް ވަންނަން ހާއްސަ ކޮށްފައިވާ އެންޓްރެންސް ކައިރީ ޕާކް ކޮށްފައި އޮތް ފުލުސް ކާރެއްގައި ކަމަށެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގާފައިނުވާއިރު، އަފްޣާނިސްތާނު ފުލުހުން ބުނަނީ ބޮމުގެ ހަމަލާދީފައި ވަނީ ތާލިބާނުންގެ ޖަމާއަތުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ބޮމް ގޮއްވާފައިވަނީ ރައީސް އަޝްރަފް ޣަނީއަށް އަމާޒު ކޮށްގެން ނޫން ކަމަށްވެސް ވަނީ ބުނެފައި ވެއެވެ.

ފާއިތުވި ދެ މަހެއްހާ ދުވަސް ތެރޭގައި ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ މުހިންމު ސަރަހައްދުތަކެއްގައި ބޮމުގެ ހަމާލަތައް ދީފަ އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އަފްޣާނިސްތާނުގައި ވަނީ ރެލީތަކަށް އަމާޒުކޮށް ގެން ބޮމުގެ ހަމަލާދީފައި ވެއެވެ.