ހަބަރު

ފޯނު ފިހާރައެއް ފަޅާލައި ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

Sep 17, 2019

މާލޭގެ ފޯނު ވިއްކާ ފިހާރައެއް ފަޅާލައި، ވައްކަން ކުރުމަށް ފަހު ފުލުހުން ފެނުމުން ފިލަން ދުވި މީހަކު އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގަލޮޅުގައި ހުރި މޯބައިލް ފޯން ވިއްކާ ފިހާރައެއް ފަޅާލައިގެން އުޅޭ ކަމަށް ރޭ ފަތިހު 4:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު ދަބަހެއް އަޅުވައިގެން ހުރި މީހަކު ފިހާރަ ތެރެއިން ނިކުތް ކަމަށާއި ފުލުހުންގެ އޮފިސަރުން ފެނުމުން ދަބަސް އެއްލާލާފައި އޭނާ ދުއްވާގަތް ކަމަށެވެ.

އެ މީހާގެ ފަހަތުން ގޮސް އޭނާ އަތުލައިގަނެ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ އެއްލާލި ދަބަސް ބަލާ ފާސް ކުރި އިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފޯނާއި ކޭބަލް ވާތަކާއި ފޯނާ ގުޅުން ހުރި އެހެން ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.