ވިޔަފާރި

އާ ޕްލޭންތަކާއެކު މިފްކޯއަކީ ގެއްލުން ނުވާ ކުންފުންޏަކަށް މި އަހަރު ހެދޭނެ: އަމްރު

Sep 17, 2019
6

ސަރުކާރުގެ އާ ޕްލޭންތަކާއެކު މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް މި އަހަރުތެރޭގައި ހެދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާއިރު، ފެލިވަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމްރު ވިދާޅުވި މިފްކޯގެ ހުރިހާ ދިމާލެއްގައި ވެސް އިންވެސްޓް ކުރަން ޖެހިފައިވާ ކަމަށާ، ނަމަވެސް މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާއެކު މި އަހަރުތެރޭގައި އެ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަ ކުރެވި ގެންދާނެ ކަމަށެވެ.

"ހަމަ ގައިމު ވެސް މި ބަލަނީ މިފްކޯއަކީ ގެއްލުންނުވެ ހިންގާނެ ކުންފުންޏަކަށް މި އަހަރު ހެދުމަށް. މިއީ ފުރަތަމަ ފަހަރަށް. މިފްކޯގެ ތާރީހުގައި ގެއްލުން އެއް ބިލިއަން ރުފިޔާއަށް ވުރެ މަތި. މިފްކޯއަކީ ކުރިން އަމިއްލަ އަށް ހިންގި ކުންފުންޏެއް. ނަމަވެސް ގިނަ ސަބަބުތަކާ ހެދި އެސްޓީއޯގެ ދަށަށް ބަދަލު ކުރަން ޖެހުނީ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯ އަށް ގެއްލުންވާ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި މަސް ބަންދުކޮށް، ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީ ނެތި ތައިލެންޑަށް އެކްސްޕޯޓު ކުރަން ޖެހުމުން ރާއްޖެއަށް ވާދަ ނުކުރެވިގެން ކަމަށެވެ.

"ތައިލެންޑަށް ގެންގޮސް ވިއްކާލަން މި ޖެހެނީ ގަންނަ އަގަށްވުރެ 400 ޑޮލަރު [ޓަނަކުން] އަގު ހެޔޮކޮށް. މިހެން ވިއްކާލީމަ ރާއްޖޭގެ މަސް ބަންދު ކުރަނީ، ބަންދުކޮށްފަ ދަޅުގައި މި ޖަހަނީ ރާއްޖޭގެ މަސް. އެއް ބަޔަކު މިތިބެނީ ގަންނަން. އެހެންވެ އަޅުގަނޑުމެން ގެންގޮސް ދަޅު ދައްކާލާފަ ބުނަނީ ރާއްޖޭގެ މަހޭމީ. ބުނީމަ ތައިލެންޑު މީހުން ވެސް ހަމަ މި ދައްކަނީ އެ، ދައްކާފަ ބުނަނީ އެއަށް ވުރެ އަގު ހެޔޮކޮށް. ދެން މީގައި އޮތް ހައްލަކަށް ވަރަށް ކުޑަ ކަމެއް ކުރަން ޖެހެނީ. ކުރަން ޖެހޭ ކަމަކީ ރާއްޖެއަށް ބާނާ މަސް ދަޅުގައި ބަންދު ކުރުން،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގައި އެންމެ ބޮޑު ހިއްސާއެއް ކުރާ އިންޑަސްޓްރީއަށް ހައްދަވާނެ ކަމަށެވެ.

"މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރެވުނީމަ ރާއްޖޭގެ އިގްތިސޯދަށް ވެސް މަސްވެރިކަމުގެ ދާއިރާ އިން ރަނގަޅު ބަދަލު ތަކެއް އަންނަމުން ދާނެ،" އަމްރު ވިދާޅުވި އެވެ.

ފެލިވަރު ކޭނަރީ ބޮޑު ކުރަން ފަންޑު ލިބިފައި

އަމްރު ވިދާޅުވި މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު ފެލިވަރުގެ ކެޕޭސިޓީ ބޮޑު ކުރަން ފަންޑު ވެސް ލިބިފައިވާ ކަމަށާ، އަންނަ އަހަރު އެ މަސައްކަތް ފަށާނެ ކަމަށެވެ.

"ފަންޑު އެބަހުރި ހަމަޖެހިފައި. ނަމަވެސް އޭގެ ޑީޓެއިލް އެނގޭނީ ފިނޭންސް އަށް. އެކަމަކު އޭގެ ކުރެހުންތަކާއި ޕްލޭން ހަދައި ނިންމާލެވިފައި ވަނީ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ނިމޭއިރު، ފެލިވަރު ކޭނަރީ އާއި އެހެނިހެން ފެސިލިޓީސްތައް ރަނގަޅު ފެންވަރަކަށް ގެންދެވޭނެ ކަމަށެވެ.

"ފޭސް ތަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު ވެސް އެންމެ ފުރަތަމަ ކަމަކީ މަސްވެރިން ގެންނަ މަސް ގަނޑު ކުރެވޭ ގޮތާއި ގަނޑުކޮށްފައި ސްޓޯ ކުރެވޭނެ ގޮތް ހެދުން. އޭރުން އިރާދުކުރެއްވިއްޔާ އަންނަ އަހަރުގެ މަސްވެރިކަމުގެ ސީޒަން އަންނައިރު މިހާރު ޖެހޭ މައްސަލަ ކުރިމައްޗެއް ނުވާނެ،" އަމްރު ވިދާޅުވި އެވެ.